ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ މެޑިސިން ކިޔަވަމުން ގެންދިޔަ ދަރިވަރުން ދަރުމަވަންތަ ހޮސްޕިޓަލުން ބަދަލުކޮށް، އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމި ނިންމުން ސަރުކާރުން އަނބުރާ ގެންގޮސްފިއެވެ.

އެމްއެންޔޫގެ މެޑިސިން ދަރިވަރުން ކިޔެވުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ފަންގިފިލާ ވަނީ ދީފައެވެ. ނަމަވެސް ކުއްލި ގޮތަކަށް އެ ދަރިވަރުން ކިޔަވަމުން ގެންދިޔަ ކެމްޕަސް ބަދަލު ކުރުމުން ހާހެއްހާ ކުދިންގެ ކިޔެވުމަށް ބުރޫ އަރާނެ ކަމަށް އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން މީގެކުރިން ބުނެފައިވެއެވެ.

އެކަމުގެ ކަންބޮޑުވުންތައް އެ ޔޫނިއަން އިން ވަނީ ރައީސް އޮފީހުގެ އިސްވެރިންނާއި ބައްދަލުކޮށް ހިއްސާ ކޮށްފައެވެ. އަދި އެ ބައްދަލުވުމަށްފަހު ސަރުކާރުގެ ނިންމުން އަނބުރާ ގެންދިޔައެވެ.

އެއާއެކު އެ ޔޫނިއަން އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެކަމަކީ އެތައް ހާސް ދަރިވަރުންގެ މަސްލަހަތު ހިމެނޭ ކަމަކަށްވެ، މެޑިސިން ކިޔަވާ އެމްއެންޔޫގެ 200 އެތަކެއް ދަރިވަރުންނަށް ދާއިމީ ހިޔާވަހިކަމެއް ލިބެންދެން ދަރުމަވަންތަ ހޮސްޕިޓަލްގެ 8 އަދި 14 ވަނަ ފަންގިފިލާގައި ތިބެވޭނެ ކަމަށް ކުރެވޭ އުންމީދު އާ ވެފައިވާ ކަމަށެވެ.

ރައީސް އޮފީހުގައި އޮތް އެ ބައްދަލުވުމުގައި އައިޖީއެމްއެޗާއި އެމްއެންޔޫގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ޔޫނިއަން އިން ބުނީ މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ސަރުކާރުން އަރުވާ ކަމަށެވެ. އަދި މެޑިކަލް ކިޔަވާ ދަރިވަރުންނަށް މިހާރަށް ވުރެ ފުރިހަމަ ފެސިލިޓީތައް ގާއިމް ކޮށްދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދޭ ކަމަށް ވެސް އެ ޔޫނިއަން އިން ބުންޏެވެ.