ޕީއެސްއެމްއަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުކޮށްދިން ސޮފްޓްވެއާގެ އަގަށް 39،000 ޔޫރޯ (640,000ރ.) ދައްކަން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ ގެނެސްދޭ ސޮފްޓްވެއާ ފޯރުކޮށްދިނުމަށް ޕީއެސްއެމް އިން 2018 ވަނަ އަހަރު ވިސްޑަމް ޓެލެވިޒަން - ސިސްޓެމަސް އިންފޯމަޓިކޮސް ޕެރާ ޓެލެވިޒޯ ކިޔާ ކުންފުންޏަކާ އެކު އެއްބަސްވެފައިވަނީ ސޮފްޓްވެއާގެ އަގުގެ ގޮތުގައި ޖުމްލަ 72،500 ޔޫރޯ ދައްކަން ޖެހޭ ގޮތަށެވެ.
ޕީއެސްއެމް އިން ވަނީ އެޑްވާންސްގެ ގޮތުގައި 36،250 ޔޫރޯ އެ ކުންފުންޏަށް ދައްކައިފަ އެވެ. ނަމަވެސް، ބާކީ ފައިސާ ދޭން ދެކޮޅު ހެދި އެވެ. ޕީއެސްއެމްގެ ފަރާތުން ކޯޓުގައި ބުނެފައިވާ ގޮތުގައި ފައިސާ ދޭން އިންކާރު ކުރަނީ ސޮފްޓްވެއާ ޕީއެސްއެމް އަށް ދޫކުރީ އޮޅުވާލައިގެން ކަމަށްވާތީ އެވެ.
ޕީއެސްއެމް އިން އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސޮފްޓްވެއާ ކުންފުނިން ފޯރުކޮށްދިން ދޮގު މައުލޫމާތެއްގެ މައްޗަށް ބިނާވެ ކަމަށް ޕީއެސްއެމް އިން ބުންޏެވެ.
ނަމަވެސް، ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނީ ޕީއެސްއެމްއިން ބުނާ ފަދަ އޮޅުވާލުމެއް ސާބިތު ކުރެވޭ ފަދަ އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތް ކަމަށެވެ.އަދި ފައިސާއަކީ ދެ ފަރާތުން އެއްބަސްވުމުގައި އެއްބަސްވެ ސޮއިކޮށްފައިވާ ފައިސާއެއް ކަމާ މެދު ހިޔާލު ތަފާތުވުމެއް ނެތް ކަމަށް ހުކުމްގައިވެ އެވެ.
އެހެންވެ، ކޯޓުން ވަނީ އެއްބަސްވުމުގައިވާ އަގުގެ ބާކީ ފައިސާ ދައްކަން ޕީއެސްއެމްގެ މައްޗަށް އަމުރުކޮށްފަ އެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންތަކެއް ރާއްޖޭގައި ތިބުމަށް ހޭދަވި 3،500 ޔޫރޯ ވެސް ކޯޓުން ވަނީ ނަގައިދީފަ އެވެ. އެއާ އެކު ޖުމްލަ 39،750 ޔޫރޯ އަންނަ މަހުގެ 14 ކުރިން ދައްކަން ޕީއެސްއެމްގެ މައްޗަށް ހުކުމްކޮށްފައިވެ އެވެ.