ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ގިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅެނިކޮށް، އެ ސްކޫލުގެ ހުއްދަ ނެތި އެ ޖަލްސާ ބާއްވާތީ އެކަން ހުއްޓުވުމަށް އެސްއޯ ފުލުހުން ބޭނުން ކުރި ސަބަބު ރިވިއުކޮށް، އެކަން ބެލުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ކޮމިޝަނަރު އޮފް ޕޮލިސް އަށް އަންގަވައިފިއެވެ.

މިނިސްޓަރު އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސުލްހަވެރި އެއްވުންތަކާއި އަދި ރައްޔިތުން ކުރައްވާ އިހްތިޖާޖުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަދި އާއްމުކޮށް ރައްޔިތުންނާއި ގުޅޭކަންކަން ހައްލުކުރުމަށް ފުލުހުން ހަރަކާތްތެރިވާއިރު ހާލަތާއި ނުބައްދަލު ބާރު ބޭނުންނުކުރެއްވުމަށާއި އަދި ވަކިން ޙާއްސަކޮށް ”އެސް. އޯ“ ފުލުހުން ޚާއްސަ ހާލަތްތަކުގައި ނޫނީ ބޭނުން ނުކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު⁦‬⁩ އަންގަވާފައިވާ ކަމަށެވެ.

"ގިޔާސުއްދީން ސްކޫލު ކައިރީގައި ފުލުހުން މަސައްކަތް ކުރެއްވި ގޮތް އަދި ބާރުގެ ބޭނުން ކުރުމާއި “އެސް އޯ“ ފުލުހުން ބޭނުން ކުރަން ޖެހުނު ސަބަބު ރިވިއުކޮށް ބަލަން އަޅުގަނޑުވާނީ ފުލުހުންގެ ކަމިޝަނަރަށް ދަންނަވާފައި،" އިހުސާން ވިދާޅުވިއެވެ.

އިހުސާން މިފަދައިން ވިދާޅުވެފައި މިވަނީ ޕީއެންއެފް އުފެއްދުމުގެ ޖޅްސާ ގިޔާސުއްދީނުގައި ބާއްވަން އުޅުމުން އެކަން ހުއްޓުވަން އެސްއޯ ފުލުހުން އައިސް އެތަނުގައި އެއްވެ ތިބި ބައެއް އާއްމުންނާއި ދެމެދު ހަމަނުޖެހުން ހިނގައި، ޕެޕާ ސްޕްރޭ ޖަހާފައި ވާތީ އެކަމަށް ގިނަ ބަޔަކު ފާޑު ކިޔާފައި ވަނިކޮށެވެ.

ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން މިރޭ ވިދާޅުވީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ފަރާތުން އެސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހުއްދަދެވިފައިނުވާ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެދިފައިވާތީ، އެކަން ތަންފީޒުކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.

އެހެންކަމުން އެސްކޫލުގައި މިވަގުތު ކުރިއަށްދާ އެއްވުމަށް ފުލުހުން އެޓެންޑް ކުރަމުންދާ ކަމަށެވެ.

ގިޔާސުއްދީން ސްކޫލަކީ އަމިއްލަ ފަރާތަކުން ހިންގާ ތަނެކެވެ. ފުލުހުން އެފަދައިން ބުނި ނަމަވެސް އެ ޖަލްސާ ބޭއްވުމަށް އެ ސްކޫލުގެ މެނޭޖުމަންޓުން ޕީއެންއެފް އަށް ހުއްދަ ދިން ކަމުގެ ލިޔުމެއްވާ ކަމަށް އެޕާޓީން ބުނެއެވެ.

ފުލުހުން ބުނަނީ ގިޔާސުއްދީނުން ޕީއެންއެފް އަށް ދިން ހުއްދަ ބާތިލް ކޮށްފައިވާ ކަމަށެވެ. އަދި ޖަލްސާ ބާއްވަން މަސައްކަތް ކުރަމުން ދިޔައީ ހުއްދަ ބާތިލް ކޮށްފައި ވަނިކޮށް ކަމަށާއި އެ ސްކޫލުގެ މެނޭޖުމަންޓުން ވެސް ސްކޫލު ރައްކާތެރިކޮށްދޭން އެޑިއުކޭޝަނުގައި އެދިފައިވާ ކަމަށެވެ.

ޕީއެންއެފް އަށް ސަރުކާރުން ސޯޝަލް ސެންޓަރު ހަމަޖައްސައި ދިނެވެ. ނަމަވެސް އެޕާޓީން ޖަލްސާ ފަހުން ބޭއްވީ ރާޅުގަނޑުގައެވެ.