ގާނޫނީ ހަމަތަކުގެ މަތީން ބާއްވާ ސިޔާސީ ހަރަކާތަކަށް ހުރަހެއް ނާޅާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިރޭ މިފަދައިން ބުނީ ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދާ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ އަށް ފުލުހުން އައިސް ހުރަސް އެޅި މައްސަލާގައެވެ.

ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން މިރޭ ވިދާޅުވީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ފަރާތުން އެސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހުއްދަދެވިފައިނުވާ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެދިފައިވާތީ، އެކަން ތަންފީޒުކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.

އެހެންކަމުން އެސްކޫލުގައި މިވަގުތު ކުރިއަށްދާ އެއްވުމަށް ފުލުހުން އެޓެންޑް ކުރަމުންދާ ކަމަށެވެ.

ސަރުކާރުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ހަރަކާތްތަކަށް ފަހިކޮށްދެވެން އޮތް ހުރިހާ ފުރުސަތެއް މި ސަރުކާރުން ފަހިކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ސަރުކާރުން ބުނީ ދެ ހަފުތާއަށްވުރެ ދިގު ބަންދު ދުވަސްތަކަކަށްފަހު، އަންނަ އާދީއްތަދުވަހު ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުންދާތީއާ، އަދި އަހަރު ފަހު އިމްތިޙާން ސްކޫލްތަކުގައި ކުރިއަށް ގެންދާ ދުވަސްވަރުކަމަށް ވާތީ، އެއްވެސް ޙަރަކާތެއް ހިންގުމަށް ސްކޫލް ހޯލްތައް ދޫކުރުމަކީ މި ވަގުތު ސްކޫލްތަކަށް ވަރަށް ދަތިކަމެއް ކަމަށެވެ.

އެހެންކަމުން، މާލެ ސިޓީގެ އެއްވެސް ސްކޫލް ހޯލެއް ލިބުމުގައި އޮތް ދަތިކަމަށް ޙައްލެއް ހޯދައިދީ، ސިޔާސީ ޕާޓީ އުފައްދަން މަސައްކަތްކުރާ ފަރާތަށް މިރެއިން މިރެއަށް އެ ފަރާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މަގު ސަރުކާރުން ފަހިކޮށްދިނުމުގެ ގޮތުން، ސޯޝަލް ސެންޓަރުގެ މައި ހޯލުގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވޭނެ އިންތިޒާމު އެކަން ކުރައްވާ ފަރާތަށް ސަރުކާރުގެ އަމިއްލަ އިސްނެންގެވުމުގައި ވަގުތުން ހަމަޖައްސައިދީފައިވާ ކަމަށް ސަރުކާރުގެ ބަޔާނުގައިވެއެވެ.

ސަރުކާރުން ބުނީ މި ސަރުކާރުން އަބަދުވެސް ކުރިއަށް ދާނީ ސިޔާސީ ހަރަކާތްތަކަށް ޖާގަދީގެން، ގައުމުގެ ކުރިއެރުމާ ރައްޔިތުންނަށް ލާބަޔާ މަންފާ ހޯދައިދިނުމުގެ ވިސްނުން އިސްކޮށްގެން ކަމަށެވެ.