މިއަހަރުގެ ފިތުރު އީދު ދުވަހަށް މާލެ އާއި ރަށްތަށް ދިއްލުމަށް ކުރެވެމުންދާ މަސައްކަތުގެ ލީޑާޝިޕް ނަގާ އެ މަސައްކަތް ރާވާ ހިންގަން ލިބިގެން ދިއުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން، މި އަހަރުގެ ފިތުރު އީދަށް ރާއްޖޭގެ ރަށްތައް ދިއްލުމަށް ކުރެވެމުންދާ އެ މަސައްކަތަކީ އީދުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމާއި އެކުވެރިކަން ފަދަ އިސްލާމީ ރިވެތި ސިފަތައް ދިރުވައި އާލާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

ހަމަ އެއާއެކު މިއީ އީދު ފާހަގަ ކުރުމުގައި ފަހުގެ ތާރީހުތަކުގައި ގެއްލިގެން ގޮސްފައިވާ އުފާވެރި އަދި ކުލަގަދަ ރޫޙު އާލާކޮށް، އެކި އުމުރުފުރައިގެ މީހުންނަށް ހިތްފަސޭހަ އީދެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކުރުމަށް ކުރެވޭ މަސައްކަތެއްގެ އިތުރުން އަންނާން އޮތް ޖީލުތަކަށް އީދުގެ އުފާވެރި މުނާސަބަތު ގައުމީ ރޫހެއްގައި ފާހަގަ ކުރުމަށް ލިބޭނެ ހިތްވަރަކަށް ވެގެންދާނެ ކަމެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.

"މި ފަންނުވެރި، ކަވި މަސައްކަތް ރާވައި، މުޅި ގައުމަށް މީގެ އުފާވެރިކަން ގެނެސްދިނުމަށް ކުރެވޭ މަސައްކަތުގައި ލީޑާޝިޕް ނަގައި، އެ މަސައްކަތް ރާވާ ހިންގަން ލިބުމަކީ ސްޓެލްކޯގެ މުވައްޒަފުންނަށާއި މުޅި ކުންފުންޏަށްވެސް ލިބޭ ފަހުރެއް،" ފަހުމީ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުން ލިބިވަޑައިގަތް ކާމިޔާބީއާއި ގުޅިގެން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުގައި ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި، އީދުގެ އުފާ ފާޅުކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތައް ދިއްލައި އިސްލާމީ މުނާސަބާތައް ކުލަގަދަކޮށް ފާހަގަކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް ވަނީ އެމަނިކުފާނު މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން މާލެ ސިޓީ ކައުންސިލުން އިސް ނަގައިގެން މާލޭގެ މަގުތައް ޒީނަތްތެރި ކުރުމަށް ދިއްލާ ލައުޑް ސްޕީކަރުން ތަކުބީރު ޖަހާފައި ހުރުމުން އެތައް ބައެއްގެ ތައުރީފު އެކަމުން ލިބިގެން ދިޔަކަން އެރޭ ފާހަގަކުރައްވާފައެވެ.