ކުޑަކުއްޖެއްގެ ގޮތުގައި ހުއްޓަސް ކުށެއް ކޮށްފި ނަމަ އަދަބު ދޭން ޖެހޭ އަޑު މިއަދު ގައުމުގައި ގަދަވެއްޖެއެވެ. މި އަޑު ގަދަވެފައި މިވަނީ މިސްކިތެއްގެ ފާހާނާ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް، އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުން އެ ކުއްޖާއަށް އަނިޔާކުރި ބަޔަކު ދެނެގަނެ، އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމާބެހޭ އިދާރާތަކުން އަންނަނީ ބަލަމުން އަންނަ ދަނޑިވަޅެއްގައެވެ. އެކަން ކުރިކަމަށް ޔަގީން ކުރެވެނީ އއ.ރަސްދޫގައެވެ. ފުލުހުންދަނީ އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގޮތުގައި، ތަހުގީގު ކުރަމުންނެވެ.

ފުލުހުން ވަނީ އެކަން ކުރި ބަޔަކު ހޯދައިފައެވެ. ނަމަވެސް އެ އަމަލު ހިންގި ބަޔަކީ ކުޑަކުދިންގެ ގޮތުގައި ތިބި ބައެކެވެ. އެކެއްގެ އުމުރުން 13 އަހަރެވެ. އަނެކެއްގެ އުމުރުން 14 އަހަރެވެ. ދެހާސް ނަވާރަ ވަނަ އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު މިހާރު ބުނާ ގޮތުގައި ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން ޖެހެނީ 15 އަހަރުގައެވެ.

އެހެންކަމުން އެ މައްސަލާގައި ޝާމިލުވާ ކުދިންނަށް ފިޔަވަޅެއް އެޅޭކަށް މިވަގުތަކު ނެތެވެ. އެކަން ކުރުމަށް ގާނޫނު އިސްލާހު ކުރަން އެބަޖެހެއެވެ. ސަރުކާރުން މިހާރު ނިންމާފައި އޮތީ ކުށަށް ޒިންމާވާން ޖެހޭ އުމުރު 12 އަހަރަށް ހެދުމަށް ގާނޫނަށް އިސްލާހު ގެންނާށެވެ.

މާލޭ ޖަލުގެ ކުރީގެ ފޮޓޯއެއް ---

ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ގާނޫނުގައި ކުޑަކުދިން ކުށަށް ޒިންމާވާން ޖެހޭ ކަމަށް ބަޔާން ކޮށްފައި އޮތީ 15 އަހަރު ކަމަށްވީ ނަމަވެސް ކުށުގެ ވެށީގައި 200 އެއްހާ ކުދިން މިހާރުވެސް އެބަތިބި ކަމަށެވެ. އަދި ގާނޫނު އޮތް ގޮތުން އެކުދިންނަށް ދޭންޖެހޭ އަދަބު ދިނުމުގައި ދަތިތަކެއް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ---

"މުޅި ރާއްޖޭގައި އެޓް ރިސްކްގައި އަޅުގަނޑުމެން އެޓެންޑް ކުރަންވެފައި ތިބި ކަމަށް މިހާރު ރިކޯޑުތަކަށް އެބަ ދައްކާ 200 އެއްހާ ކުދިން،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ގާނޫނުގައި އަދިވެސް ބައެއް ބާގަނޑުތައް އެބަހުއްޓެވެ. އެގޮތުން އުމުރުން 17 އަހަރުގައި ކުށްކޮށްގެން ދައުވާކޮށް 10 އަހަރު ނުވަތަ 12 އަހަރުގެ ޖަލު ހުކުމެއް އައި ނަމަވެސް ހުކުމް ކުރި މުއްދަތާއި ހަމައަށް އޭނާ ބަލަން ޖެހެނީ ކުޑަ ކުއްޖެއްގެ ގޮތުގައެވެ.

"އަޅުގަނޑުމެން މިހާރުވެސް އެބަ ބަލަހައްޓަން 27 އަހަރުގެ މީހެއް އޭނާ ކުޑަ ކުއްޖެއްގެ އުމުރުގައި ކުރި ކުށަކަށް އޭނާ ކުޑަކުދިންގެ ޖަލެއްގައި ބާއްވައިގެން،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނަށް އަމަލު ކުރަން ފަށާފައި ވަނީ އެ ގާނޫނުގައި މިފަދަ އެތައް ބާގަނޑުތަކެއް ހުރެމެވެ. ގާތްގަނޑަކަށް ފަސް އަހަރު އެ ގާނޫނަށް އަމަލުކުރަން ފެށިތާ ވާން ކައިރިވިއިރު ވެސް އެ ގާނޫނު އޮތީ އަދިވެސް އެ އޮތް ގޮތަށެވެ. އެ ގާނޫނު މިހާރު އޮތް ގޮތުން 15 އަހަރު ނުވާ ކުޑަ ކުއްޖަކު ކިތަންމެ ބޮޑު ކުށެއް ކުރި ކަމުގައިވީ ނަމަވެސް އޭނާގެ މައްޗަކަށް ފިޔަވަޅެއް އެޅޭނެ ގޮތެއް ނެތެވެ.