ދިވެހި އުފެއްދުންތަކަށް އާންމުންގެ މެދުގައި އޮންނަ މަގުބޫލުކަން އިތުރުކޮށް، ދިވެހި އުފެއްދުންތައް ކުރިއެރުވުމަށްޓަކައި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ހާއްސަ ސޯޝަލް މީޑިއާ ކެމްޕެއިނެއް ފަށައިފިއެވެ.
އެ ކެމްޕެއިން ފައްޓަވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެ ކެމްޕެއިން ފެއްޓެވުމުގެ ގޮތުން މިނިސްޓަރު ސައީދު ވަނީ އޮތެންޓިކް މޯލްޑިވްސް ފިހާރައިން ދިވެހި އުފެއްދުންތަކެއް ގަނެ، އަންހެނުން ބާރުވެރި ކުރުވައި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރައްވާ ފަރާތެއް ކަމަށްވާ ޒީނާޒް އަދުނާނަށް ހަދިޔާ ކުރައްވާފައެވެ.
އެ ކެމްޕެއިން ފައްޓަވައި ދެއްވުމަށްފަހު ސައީދު ވަނީ، ދިވެހިންނަކީ ޒަމާނުއްސުރެ ހަދިޔާ ބަދަލުކުރުމުގެ ސަގާފަތެއް އޮންނަ ބައެއް ކަން ފާހަގަކުރައްވައި، އެގޮތަށް ބަދަލުކުރެވޭ ހަދިޔާ ތަކަކީ ދިވެހި އުފެއްދުންތައް ކަމުގައި ވާނަމަ، އެއީ ދިވެހި އުފެއްދުންތެރިންނަށް ދެވޭ ހިތްވަރެއް ކަމަށް ވިދާޅުވެފައެވެ. އަދި ބީސީސީން ފެށި އެ ކެމްޕެއިނާއެކު ދިވެހި އުފެއްދުންތެރިންނަށް ކުރިއަށް ދިއުމަށް ހިތްވަރު ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.
"ދިވެހީންނަށް އިސްކަން" އެ ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ކެމްޕެއިންގައި ބޭނުންކުރުމަށްޓަކައި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ބީސީސީން ތައްޔާރުކޮށްފައިވާ ކޮތަޅުގައި، ދިވެހި އުފެއްދުމެއް ކޮންމެވެސް ފަރާތަކަށް ހަދިޔާކުރާ ގޮތަށެވެ. އަދި އެ ހަދިޔާ ލިބޭ ފަރާތުން އެ ކޮތަޅުގައި އެހެން ފަރާތަކަށް ދިވެހި އުފެއްދުމެއް ހަދިޔާކުރާ ގޮތަށެވެ.
އެ ކެމްޕެއިންގެ މަގުސަދަކީ، ދިވެހި މަސައްކަތްތެރިން އުފައްދާ އުފެއްދުންތަކުގެ އަގުވަޒަންކޮށް އެތަކެއްޗަށް އިސްކަންދީ އާންމުންގެ މެދުގައި މަގުބޫލުކަން އިތުރު ކުރުމެވެ. އެ ކެމްޕެއިންގައި ދިވެހި ކޮންމެ އުފެއްދުމެއްވެސް ބޭނުންކުރެވެނެއެވެ. އެގޮތުން ދިވެހި ކާބޯތަކެތި އުފައްދާ ފަރާތްތަކާއި ފަންނުވެރިންގެ އުފެއްދުންތައްވެސް ބޭނުން ކުރެވޭނެއެވެ.
ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބީސީސީން ކުރަމުންދާ މަސައްކަތުގެ ދަށުން ފެށި ކެމްޕެއިން، މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައިވެސް ވަނީ ފަށާފައެވެ.
"ދިވެހީންނަށް އިސްކަން" ކެމްޕެއިންގެ ދަށުން މިއަދު ފެށި ހަދިޔާ ބަދަލުކުރުމުގެ ޙަރަކާތް ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވަނީ 16 އޭޕްރީލް 2024ގެ ނިޔަލަށެވެ. އެ ކެމްޕެއިން ކުރިއަށްދާ މުއްދަތުގައި ބީސީސީން މާލޭގައި ހިންގާ އޮތެންޓިކް މޯލްޑިވްސް ފިހާރައިން ބައްލަވައިގަންވާ ކޮންމެ މުދަލަކަށް 10 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.