ތުހުމަތެއް ކުރެވިދާނޭ ފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށް ސާބިތުކަމާއެކު ދަންނަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށިއްޖެ ކަމަށެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހިޔާނާތެއް ވެއްޖެކަމަށް ބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެެކު ދަންނަވަން. ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ،" ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް މި ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ އާރްޑީސީގެ ހިޔާނާތުގެ ތަހުގީގާ ގުޅުންހުރި މައްސަލައަކާއި ގުޅިގެން ފައްޔާޒާ ސުވާލު ކުރުމަށް ފުލުހަށް ހާޒިރުވާން އަންގާފައި ވަނިކޮށެވެ. ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން މިއަދު ވިދާޅުވީ އެ ތަހުގީގަކީ އޭސީސީއާ ގުޅިގެން ކުރިޔަށް ގެންދާ ތަހުގީގެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ތަހުގީގަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ ފައްޔާޒާ ސުވާލު ކުރަން މާދަމާ މެންދުރު ފަހު 3:00 ގައި ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.

ފުލުހުން ދާދިފަހުން ބުނީ އާރްޑީސީގެ ހިޔާނާތުގައި ގިނަ އަދަދެއްގެ ސަރުކާރު މުވައްޒަފުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް އެ މައްސަލާގައި ތިން މީހެއްގެ ބައިވެރިވުން އޮތްކަން ޔަގީން ކުރެވޭ ކަމަށެވެ.

އެގޮތުން އެ މީހުންގެ އަމިއްލަ އެކައުންޓަށް 14 މިލިއަން ރުފިޔާ ޖަމާ ކޮށްފައިވާ ކަމަށްވެއެވެ.

އޭރު ފުލުހުން ބުނީ އާރުޑީސީގެ މުވައްޒަފުންގެ އެކައުންޓުތަކުން، އޭރުގެ ސަރުކާރުގައި ބައިވެރިވުން އޮތް އިސްވެރިންތަކެއްގެ އެކައުންޓުތަކަށް ވެސް އެ ފައިސާ ވަދެފައިވާ ކަމަށެވެ.