ދެހާސް ސާދަވަނަ އަހަރު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ދެވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެން މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ހއ. ބާރަށު އިބްރާހީމް ޝުޖާއު (ޝުޖާ) އަނެއްކާވެސް 20ވަނަ ރައްޔިތުން މަޖިލީހުގައި ބާރަށު ދާއިރާ ތަމްސީލް ކުރައްވަން ނިކުމެ ހުންނެވީ ވޭތުވެދިޔަ ފަސް އަހަރު އޭނާގެ ދާއިރާ އަށް ލިބުނު ނިކަމެތިކަމުން އެ ދާއިރާ ނަގާ ކޮޅަށް ޖެހުމުގެ އުއްމީދުގައެވެ. އޭނާ އަކީ ދާއިރާގެ ރައްޔިތުންގެ ލޯތްބާއި ތާއީދު އޭރުވެސް އަދި މިހާރުވެސް އޮތް މީހެކެވެ.

ނަވާރަވަނަ މަޖިލިސް އިންތިހާބުގައި ވެސް އެ ދާއިރާގެ ގޮނޑިއަށް ޝުޖާއު ވާދަކުރެއްވިއެވެ. އެފަހަރުގެ އިންތިހާބުގައި ޝުޖާއު އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވީ ކުޑަ ތަފާތަކުންނެވެ. އިންތިހާބުން ނާކާމިޔާބުވި ނަމަވެސް އޭނާއަކާ ދާއިރާގެ ރައްޔިތުންނަކާއި ދުރެއް ނުވެއެވެ. ދާއިރާގައި މިހާރު ހުރި މެންބަރަށް ވުރެ ގިނައިން އޭނާއާ ދާއިރާގެ ރައްޔިތުންނާއި ބައްދަލުވެއެވެ. ވާހަކަ ދެކެވެއެވެ. ކަންބޮޑުވުންތައް ހިއްސާ ކުރެވެއެވެ. ވޭތުވެދިޔަ ފަސް އަހަރަކީ ޝުޖާ އެ ޕާޓީއަކަށް ނިސްބަތްވާ ޕާޓީގެ ވެރިކަން ނޫން ނަމަވެސް އޭނާ ދިޔައީ ދުރުގައި ހުރެގެން ވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސް ދިނުމަށް މަސައްކަތް ކުރަމުންނެވެ.

ބާރަށަށް ރައީސް މުއިއްޒު ވަޑައިގަތުން، އަރިހުގައި ބާރަށު ދާއިރާއަށް ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓު ޝުޖާއު (ވ) -- ފޮޓޯ | ރައީސް އޮފީސް

ނަވާރަވަނަ މަޖިލީހަށް އޭރުގެ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނެވި ނަމަވެސް މިއަދު ޝުޖާ ނިކުމެ ހުންނެވީ ސަރުކާރު ކެންޑިޑޭޓެއްގެ ގޮތުގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް މަޖިލިސް ތެރެއިން ތަންފީޒު ކުރުމަށެވެ. ރައީސް މުއިއްޒުގެ ފުރިހަމަ ތާއީދާއެކުގައެވެ.

ރައީސް މުއިއްޒު ޝުޖާއާ ގުޅޭ ގޮތުން ވިދާޅުވެފައި ވަނީ ބާރަށު ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ކުރަން ހުރި މަސައްކަތްތަކާއި އަދިވެސް މަޖިލިސް ތެރެއިން ކުރުމަށް ހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް ޝުޖާއަކީ ވަރަށް މުހިއްމު ބޭފުޅެއް ކަމަށެވެ.

ރައީސް މުއިއްޒު އިއްޔެ ބާރަށަށް ވަޑައިގަތުމުން ޝުޖާއު، ރައީސަށް މަރުހަބާ ދަންނަވަނީ: ފޮޓޯ | ރައީސް އޮފީސް

"ރައީސް މުއިއްޒުގެ ވައުދުތައް ފުއްދުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އައު ގާނޫނުތައް ވުޖޫދު ކުރުމަށް ކުރެވޭ އެންމެހައި ބަހުސްތަކުގައި ބާރަށު ދާއިރާގެ މައިކް އަބަދުވެސް ދިއްލިފައި ހުންނާނެ،" ރައީސް މުއިއްޒަށާއި ދާއިރާގެ ރައްޔިތުންނަށް ޝުޖާ ދެއްވީ މި ޔަގީންކަމެވެ.

ޒުވާނުންގެ "ޝުޖާބެ" އިސްރަށްވެހިންގެ "ދަރިއެއް"

ޝުޖާއާއެކު ބާރަށު ދާއިރާގެ ރަށްތަކަށް ދެ ފަހަރެއްގެ މަތިން ދަތުރު ކުރުމުގެ ފުރުސަތު އަޅުގަނޑަށް ވެސް ލިބުނެވެ. ފެނުނު މަންޒަރުތަކުން އެ ދާއިރާގެ ރައްޔިތުންގެ ހިތްތަކުގައި ޝުޖާ އަށް އޮތް ލޯބި ފެނިގެން ދިޔައެވެ. އަދި ދާއިރާގެ ރައްޔިތުންނާއި ޝުޖާ ބަހައްޓާ ގާތް ގުޅުން ވެސް ވަރަށް ގާތުން ފެނުނެވެ.

އޭނާ އެންމެ އިސްކަމެއް ދޭ އެއް ބަޔަކީ އިސް ރަށްވެހިންނެވެ. ދާއިރާގައި ތިބި ބަލި މީހުން ކައިރި އަށް ޒިޔާރަތް ކުރުމަކީ އޭނާ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު ވެސް އަދި އޭގެ ފަހުން ވެސް ރަށަށް ޒިޔާރަތް ކޮށްފި ނަމަ ކުރާ އެންމެ ފުރަތަމަ ކަންތަކެވެ. އޭނާ އަށް ނުވަދެވޭ ހަމަ އެންމެ ގެއެއްވެސް ނުހުރެއެވެ.

ބާރަށު ދާއިރާ އަށް ވާދަކުރައްވާ އިބްރާހީމް ޝުޖާއު (ޝުޖާ) ދާއިރާގެ ރައްޔިތަކާއެކު: ފޮޓޯ | ހައްލެ

"މިއީ އަހަރެން ހަމަ ކޮންމެ ފަހަރަކު ވެސް ކުރާ ކަމެއް. މެންބަރެއްގެ ގޮތުގައި ހުރިއިރު ވެސް އޭގެ ފަހުން ވެސް. ރަށު ފަސްގަނޑުގައި ފައި ބީއްސާލައިފި ނަމަ މިކަން ކުރާނަން. ދާއިރާގެ ރަށްތަކަށް ވެސް ދަތުރުކޮށް އެ ރަށްތަކުގައި ތިބި ބަލި މީހުން ގާތަށް ދާނަން،" ޝުޖާ "ހަތާވީސް" އަށް ވިދާޅުވިއެވެ.

ބާރަށު ދާއިރާގެ ޒުވާނުންނަށް ޝުޖާ އަކީ އެ ޒުވާނުންގެ "ބޭބެ"އެވެ. ޒުވާނުން އޭނާއާ މުހާތަބުކޮށް ކިޔަނީ ވެސް "ޝުޖާބެ" މިހެންނެވެ.

"ކޮވިޑު ތެރޭގައި އަހަރަމެން ތިބީ ވަރަށް ހާލުގައި. މި ދާއިރާގައި ހަމަ މެންބަރަކު ހުއްޓޭ. އެކަމަކު އަހަރެމެންނަކަށް އެ މެންބަރެއް ނުފެނޭ އަހަރެމެންނަށް ފެނުނީ ހަމަ އަހަރެމެން އެންމެންގެ ވެސް ޝުޖާބެ. އެހެންވީމަ އަހަރެމެން [ޒުވާނުން] ޝުޖާބެ އަށް ތާއީދު ކުރަނީ [މަޖިލިސް އިންތިހާބުގައި]" މި ނޫހާ ވާހަކަ ދެއްކި ބާރަށު ޒުވާނަކު ބުންޏެވެ.

ބާރަށު ދާއިރާ އަށް ވާދަކުރައްވާ އިބްރާހީމް ޝުޖާއު (ޝުޖާ) ދާއިރާގެ އިސް ރަށްވެއްސަކާއެކު: ފޮޓޯ | ހައްލެ

ޝުޖާ ދެކޭ ގޮތުގައި އާބާދީ މަދުވެ، ރަށުގައި ވަސީލަތްތައް މަދުވުމަކީ އެރަށުގައި ތިބޭ ޒުވާނުންނާއި ކިޔަވާ ކުދިން ކަންކަމުން މަހުރޫމް ވާން ޖެހޭ ކަމެއް ނޫނެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އަދި ހުރިހާ ކަމަކީ ސަރުކާރާ ބައްސައިގެން ކުރަންޖެހޭ ކަންކަމެއް ވެސް ނޫނެވެ. ސަރުކާރާ ނުބައްސާވެސް މެންބަރަށް ކުރެވޭނެ ކަންތައްތަކެއް ހުންނާނެ ކަމަށް އޭނާ ގަބޫލުކުރެއެވެ. ފުޓްސަލް މުބާރާތެއް ވޮލީ މުބާރާތެއް ބޭއްވުމަކީ މިއަދު މަޖިލީހަށް އިންތިހާބުވާ ގިނަ މެންބަރުން ކޮށް އުޅޭ ފަރިތަ ކަމެކެވެ. އެކަމަކު ޝުޖާ ތަފާތެވެ.

ރަށުގައި ތިބެގެން މަތީ ތައުލީމު ހާސިލް ކުރެވޭނެ ގޮތްތައް އޭނާއާ އޭނާގެ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަށް ބޭނުންވާ ވަސީލަތްތައް ވެސް ގާއިމް ކޮށްދޭން އޭނާ ހުރީ ތައްޔާރަށެވެ. ރަށުގައި ތިބެ އާމްދަނީ ލިބޭނެ ގޮތްތައް ކަނބަލުންނަށް ހޯދައި ދިނުމަށް ދާދިފަހުން ވެސް އޭނާ ވަނީ ކޭކު ކޯހާ ފަހާ ކޯސް ފަދަ ކަންކަން ކުރިޔަށް ގެންގޮސް ދީފައެވެ.

ބާރަށު ދާއިރާ އަށް ވާދަކުރައްވާ އިބްރާހީމް ޝުޖާއު (ޝުޖާ) ދާއިރާގެ އިސް ރަށްވެއްސަކާއެކު: ހަތާވީސް ފޮޓޯ | އާދަމް ނަޒީރު

"މިއީ ސަރުކާރަށް ނުބައްސާ ކުރެވޭނެ ކަންތައްތައް ކަމަށް އަހަރެން ގަބޫލު ކުރަނީ. މިއީ އަސްލު ވަރަށް ކުދިކުދި ކަންކަން. ދެން މިކަންކަން ކުރާށޭ ކިޔާފައި ކަމާ ގުޅުންހުރި ވުޒާރާއެއްގައި ޓަކި ޖަހާކަށް ނުޖެހޭ،" ޝުޖާ ވިދާޅުވިއެވެ.

އަށާރަވަނަ ރައްޔިތުން މަޖިލީހުގައި ޝުޖާ އިންނެވިއިރު އޭނާ ވަނީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކޮށްފައެވެ. ސަރުކާރު މެންބަރެއްގެ ގޮތުގައި އޭރު ހުންނެވި ނަމަވެސް، ދާއިރާގެ ރައްޔިތުންނަށް ނިކަމެތިކަން ލިބޭ ކަމެއްގައި އޭނާ ހުންނާނީ ރައްޔިތުން ކޮޅުގައެވެ. އެކަމެއް ހައްލު ނުވަނީސް މަޖިލީހުގައި އޭނާގެ މައިކުގެ އަޑު ކަނޑާލި ނަމަވެސް އޭނާގެ އަޑެއް ކަނޑުވައެއް ނުލެވެއެވެ. މިއީ އެ ދާއިރާގެ ރައްޔިތުން ތަޖުރިބާ ކޮށްފައި ހުރި ކަންކަމެވެ.

ބާރަށު ދާއިރާ އަށް ވާދަކުރައްވާ އިބްރާހީމް ޝުޖާއު (ޝުޖާ) ދާއިރާގެ ރައްޔިތުންނާއެކު: ފޮޓޯ | ހައްލެ

"އަހަރެމެން ކީއްކުކުރަން އިތުރު މީހަކު ހޮވަންވީއެއް. އޭނާ މަޖިލީހުގައި ހުރިއިރު އަހަރެމެން ރައްޔިތުންނާއި މި ރަށާއި ދާއިރާ އަށް ހާދަ ކަންތައްތަކެއް ކޮށްދީފައޭ ހުރީ. މިހާރުވެސް ދާއިރާގެ ރައްޔިތަކަށް ދެރައެއް ހިތާމައެއް ކުރިމަތިވެއްޖެތަ، އޭނާ ހުންނާނީ އެންމެ ފުރަތަމަ ވެސް އެކަމަށް ހައްލެއް ހޯދާ ދޭން ނިކުމެ. ހައްލު ހޯދާނެ. އެކަމެއް އޭނާ ކުރާނެ އެކަމެއް ވަންދެން،" ހއ. އުތީމަށް ނިސްބަތްވާ މީހަކު ޝުޖާއާ ގުޅޭ ގޮތުން ބުންޏެވެ.

ޝުޖާ ނިކުމެ ހުރީ ޖީލެއް ބިނާ ކުރުމުގެ މާތް މަގުސަދުގައެވެ. އޭނާ ބޭނުންވަނީ ދާއިރާ އަށް އުޖާލާ ކުރިމަގެއް ގެނެސް ދޭށެވެ. ދާއިރާ އަށް "ރަން ދައުރެއް" ގެނެސް ދޭށެވެ.

ނޯޓް: މިއީ ޕްރޮމޯޝަން އާޓިކަލް އެކެވެ.