ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) ކުންފުންޏަށް 78 މިލިއަން ރުފިޔާ ދައްކަން ކޮށްފައިވާ ހުކުމް ބާތިލްކޮށް، ޕަބްލިކް ސާވިސް މީޑިއާ ހިމަނައިގެން އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ބިގަށް 78 މިލިއަން ދައްކަން 2016 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރީ 2010 ވަނަ އަހަރު މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އިން ދައުލަތުގެ މީޑިއާ ހިންގި ދުވަސްވަރު ބިގާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ މައްސަލައިގަ އެވެ.

އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ޕީއެސްއެމްއިން ބިގަށް ދިނެވެ.. އަދި ޕީއެސްއެމުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރީ 2021 ވަނަ އަހަރު އެވެ.

ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރި ހުކުމުގައިވަނީ އެމްއެންބީސީގެ މުދަލާއި ދަރަނިތައް ޕީއެސްއެމަށް މިހާރު ބަދަލުވެފައިވާ ގޮތަށް ބަލާއިރު އެ މައްސަލާގައި ޕީއެސްއެމްގެ މަސްލަހަތު ހިމެނޭތީ އެ ކުންފުނި ހިމަނައިގެން މައްސަލަ އަލުން ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.

އެހެންކަމުން އެ އެ ހުކުމް ބާތިލްކޮށް،މައްސަލަ އަލުން ބެލުމަށް ތަހުވީލުކުރި ކަމަށް ހުކުމުގައިވެ އެވެ.

ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔަކީ އެ ދަރަންޏަކީ ޕީއެސްއެމުން ޒިންމާވާން ޖެހޭ ދަރަންޏެއް ނޫން ކަމަށެވެ. އޭނާގެ ރައުޔުގައި ވަނީ އެމްއެންބީސީ އުވާލުމަށް ފަހު މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އުފެދުނުއިރު، ބިގްގެ އެއްބަސްވުން އެމްބީސީގެ ދަށަށް ބަދަލު ކޮށްފައި ނެތުމެވެ. އެހެންވެ، އެމްބީސީ އުވާލުމަށްފަހު، ޕީއެސްއެމަށް ބަދަލުވިއިރު ބިގްގެ އެއްބަސްވުން ޕީއެސްއެމްގެ ދަށަށް ބަދަލު ނުވާނެ ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.