ގެތަކާ އެހާ ގާތުގައި ހުންނަ މިސްކިތްތަކުން ނަމާދު ކުރާ އަޑު އެހާ ބާރަށް، ބޭރަށް ބެހެެއްޓުމުގެ ބަދަލުގައި މިސްކިތުގެ އެތެރެއަށް އަޑު ހުރުން ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވީ މިސްކިތެއްގެ ތާޅަފިލީގެ އަޑުގަދަކަމުން، ގޭގައި ވަކިން ނަމާދު ކުރަން އުޅުނު މީހަކަށް އެކަމުގެ އުނދަގޫ ދިމާވާތީ، ކުރި މެސެޖަކާ ގުޅިގެން ދެއްވި ޖަވާބުގައެވެ.

މިނިސްޓަރު ވިދާޅުވީ ގޭތަކެއްގެ ބުޑުގައި ހުރި މިސްކިތަކުން ލޯޑް ސްޕީކަރު އާދަޔާ ޚިލާފަށް ބާރުކޮށް ބޭރަށް އިވޭގޮތައް ނަމާދު ކުރަމުންދާތީވެ އެކަމާ ގުޅިގެން އެ މިސްކިތްކައިރީގައި ދިރިއުޅޭ، ގޭގައި ނަމާދުކުރާ އުޒުރުވެރިންނާއި އަންހެނުންނަށް ދަތިވާތީވެ އެހާލަތާ ގުޅިގެން އެއްޗެއް މިއަދު ދަންނަވާފައިވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އޭނާ ވިދާޅުވި ވާހަކައަކީ ހުރިހާ މިސްކިތަކުން އަމަލުކުރަންޖެހޭ ގޮތަށް ވިދާޅުވި ވާހަކައެއް ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ތަރާވީޙު ނަމާދާއި ދަމު ނަމާދު ފަދަ އަޑު ހަރުކޮށް ކިޔަވާ ނަމާދުތަކުގައި އެފަދަ މިސްކިތްތަކުގެ ކައިރީގައި އުޅޭ އުޒުރުވެރިންނާއި ނިދާ ކުޑަ ކުދިންގެ މަސްލަޙަތު ރިޢާޔަތް ކުރުން މުހިއްމު ކަމަށެވެ.

https://www.facebook.com/photo/?fbid=7243012759117316&set=a.183799555038707

މިސްކިތްތަކުގެ ތާޅަފިލިތަކުގެ އަޑުގަދަވުމުގެ ޝަކުވާއާ ގުޅިގެން، ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ވިދާޅުވީ ނަމާދު ކުރާއިރު މިސްކިތުގެ އަޑުގަދަ ކުރާއިން ބޭރަށް އަޑު އިއްވުން ރަނގަޅު ނޫން ކަމަށެވެ. ނަމަވެސް އަޑުގަދަ ކުރާއިން ބަންގި ފޮނުވަންޖެހޭނެ ކަމަށާއި ނަމަވެސް ބަންގި ވެސް އެހާ ބާރަށް ނުފޮނުވުމަށް އޭނާ އެދިވަޑައިގަންނަވާ ކަމަށެވެ.