ރެޔާއި ދުވާލު ޕޯޑިއަމްތައް ބަހައްޓައިގެން އޯޑިއަންސްގައި ތިބެގެން ސުވާލުކުރާ ބޭފުޅުން ފިތުނަ ފަސާދަ އުފެއްދޭ ގޮތަށް ވާހަކަތައް ދައްކާ ކަމަށް ބުނެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް (އަދުރޭ) ކުރީގެ ރައީސް ޔާމީނަށް ނުސީދާކޮށް ފާޑު ވިދާޅުވެއްޖެއެވެ.
މު. މުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވަނީ ޔާމީންގެ ނަން ނުގެނެސް އެމަނިކުފާނަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ. އެގޮތުން ވިދާޅުވީ ޔާމީނަށް ވެސް ރާއްޖޭގައި ވެރިކަން ކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ. އެދުވަހު އެކަންކަން ނުކޮށް މިއަދު ސުލްހަވެރިކަމާއި އަމާންކަމާއެކު ރައްޔިތުންނަށް ލާބައާ މަންފާ ލިބޭ ގޮތަށް ވެރިކަން ކުރަން ފެށުމުން ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ކުރުމަށް ވާހަކަ ދެއްކުމަކީ ގައުމަށް ދެވޭ އަނިޔާއެއް ކަމަށެވެ.
"އެ ފުރުސަތުގައި ތިޔަ ވިދާޅުވާ ކަންތައްތައް އެ މަގުން ނުކުރައްވައި މިއަދު ސުލްހަވެރިކަމާ އެކު ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭ ގޮތަށް ވެރިކަން ކުރަން ފެއްޓެވީމާ ދެން ފިތުނަ ފަސާދަ އުފައްދަން ތިޔަ ކުރައްވާ މަސައްކަތް ވާނީ ގައުމަށް ދެވޭ އަނިޔާއަކަށް," ރައީސް މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަދުރޭ ވިދާޅުވިއެވެ.
ދުލުގައި ހިފާ ދަމާ ވަރަކަށް ގިނަ ވާހަކަތައް އެބޭފުޅުންނަށް ވެސް ދެކެވެން އެބައޮތް ކަމަށާއި ކޮންމެ ކަމެއްގައި ވެސް ހައްދެއް އިމެއް އޮންނާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. މިއަދުވެސް އަދުރޭ ވަނީ ރައީސް މުއިއްޒުގެ ވެރިކަން ދަމަހައްޓަން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ވެސް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
"ދިވެހީންގެ ވެރިކަން ދިވެހިންނަށް ކޮށްދޭން ބަޔަކު ނުކުތީމާ, އެކަން ކުރާން ފެށީމާ, އެއާ ދެކޮޅަށް ވަކާލާތު ކުރާން, އެއާ ދެކޮޅަށް ޖަދަލުކުރަން, އެއަށް ފާޑުކިޔަން ނުކުންނަ މީހާ ވާނީ ގައުމުގެ ދުޝްމިނަކަށް. ރައްޔިތުންގެ ހާއިނަކަށް," އަދުރޭ ވިދާޅުވިއެވެ.
ދައްކާނެހާ ވާހަކައެއް ދައްކަން ދެން އެކަންކަމުގެ ހަގީގަތް އެނގޭ މީހުން ހަނު ތިބެދާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށާއި ޕީޕީއެމް/ޕީއެންސީގައި ތިއްބެވީ އެގޮތަށް މަޑުން ތިބޭނެ ބައެއް ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ.