މިވަގުތު ރާއްޖޭގެ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް، އެމްޑީޕީން ވެރިކަމުގައި އޮތް އިރުގައި ވެސް އަދި މިހާރު އިދިކޮޅުގައި އޮވެގެން ވެސް އިސް ކުރަމުން ދަނީ އެހެން ފަރާތެއްގެ މަސްލަހަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އުތުރުގެ ރަށްތަކަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ށ. ކަނޑިތީމަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ވެސް އިދިކޮޅު ފަރާތްތަކުން ގައުމާއި މެދު ކަންތައްތައް ކުރަމުން އަންނަ ގޮތުން، އެޕާޓީން އިސް ކުރަނީ އެހެން ބައެއްގެ މަސްލަހަތުކަން އެނގިގެން ދާ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ބޭނުންވާ ކަންކަން ކުރެވެން އަންނާނީ ސަރުކާރަށް ތާއީދު ކުރާ ސަރުކާރާއެކު މަސައްކަތް ކުރާނެ މެންބަރުންތަކެއް ތިބި މަޖިލީހެއް އޮވެގެން ކަމަށާއި އެހެންކަމުން އަންނަ މަހުގެ 17ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގައި އެކަމާއި މެދު ރައްޔިތުން ވިސްނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
"މިހާރުގެ އިދިކޮޅު ޕާޓީން، ވަރަށް ބޮޑަށް ޕާޓީ ލައިން ނަގަނީ ކަންކަމުގައި، ތަރައްގީގެ ވިސްނުމެއް ނޫން، ގައުމަށް ފައިދާހުރި ކަންކަމެއް ނޫން، އެ ފަރާތްތަކުގެ އަމިއްލަ ވަކި މަސްލަހަތުތަކެއް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވަނީ މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓާއި ގުޅޭ ގޮތުން ވެސް ކަންބޮޑުވުންފާޅު ކުރައްވާފައެވެ. އެގޮތުން އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރި ބަޖެޓުގައި މަޝްރޫއުތަކަށް ފައިސާ ކަނޑައަޅާފައި ވަނީ އެ މަޝްރޫއުތައް ކުރިޔަށް ގެންދެވޭނެ އަދަދަށްވުރެ ދަށް އަދަދުތަކެއް ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު އެކަން ސިފަ ކުރެއްވީ "ޖެއްސުން" ކުރުމުގެ އަމަލެއްގެ ގޮތުގައެވެ.
"މާ ބޮޑަށް ސިޔާސީވެފައި މި އޮންނަނީ. ޕާޓީލައިނުން ވަރަށް ބޮޑަށް އަދި އަމުދުން މިހާރުގެ އިދިކޮޅު ޕާޓީން ވަރަށް ބޮޑަށް ޕާޓީލައިން ނަގަނީ ކަންކަމުގައި،" ރައީސް މުއިއްޒު ވިދާޅުވިއެވެ.