ގއ. ވިލިނގިލީގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ތަރައްގީކުރުމުގެ ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

އެ ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ މިއަދު ގއ. ވިލިނގިލީގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ބެލްޖިއަމްގެ ކުންފުންޏެއް ކަމަށްވާ އެން.ވީ.ބެސިކްސް އެސް.އޭ އާއެވެ.

އެ ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބެވެ. އެ މަޝްރޫއުގެ ޕްރޮޕޯނަންޓްގެ ފަރާތުން ސޮއިކުރެއްވީ އެން. ވީ. ބެސިކްސް އެސް. އޭ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު ސާވް ޑޮލްމަންސެވެ.

އެ ފަހުމުނާމާގެ ދަށުން ގއ. ވިލިނގިލީގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ތަރައްގީ ކުރުމާއެކު ގއ. އަތޮޅުގައި ޓުއަރިޒަމް ސިނާއަތް ކުރިއަރުވައި ތަރައްގީ ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އޭގެ ތެރޭގައި އިންޓެގްރޭޓަޑް ޓުއަރިޒަމް ޒޯން ތަރައްގީކުރުން ވެސް ހިމެނޭ ކަމަށް ބުންޏެވެ.

ވިލިނގިލީގައި ތަރައްގީ ކުރުމުގެ ފަހުމުނާމާގައި ސޮއި ކުރުމުގެ ތެރެއިން ---

އެ ޖަލްސާގައި ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓު މުހައްމަދު އަލީ ޖަނާހް ވިދާޅުވީ އެ މަސައްކަތް ހަވާލު ކޮށްފައިވާ ކުންފުންޏަކީ ބްރުޖު ހަލީފާ ހެދި ކުންފުނި ކަމަށެވެ.

އެ އެއާޕޯޓުގެ ރަންވޭގެ ބޮޑު މިނުގައި 3،400 މީޓަރު ހުންނާނެ ކަމަށާއި އަދި 17 ރިސޯޓެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޖަނާހް ވިދާޅުވިއެވެ.

މިއަދު ވިލިނގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިލިނގިލީ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ތަރައްގީކުރާއިރު ވިލިނގިލީގެ ބިމަށް ޖާގަ އިތުރުކުރެވޭނެ ކަމުގައިވެސް ވިދާޅުވިއެވެ.