ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ކޫއްޑުގައި ކުރަމުންދިޔަ މުޒާހަރާ ހުއްޓާލައި، އެ ރަށަށް އަލުން މަސް ކިރަން ފަށައިފިއެވެ.

މުޒާހަރާ ހުއްޓާލާފައި މި ވަނީ މަސްވެރިންނަށް ދޭންޖެހޭ ދެ މަސް ދުވަހުގެ ފައިސާގެ ތެރެއިން، ހަފްތާއެއްހާ ދުވަހުގެ ފައިސާ މަސްވެރިންނަށް ޖަމާކޮށްފައިވަނިކޮށެވެ. ހަތާވީސް މަސް ދޯންޏާ އެކު، ކޫއްޑޫގައި ފެށި މުޒާހަރާ މިއަދު ނިންމާލިއިރު، ކޫއްޑޫ ފަޅުތެރޭގައި މިހާރު އޮތީ ނުވަ މަސް ދޯންޏެވެ. އެ ދޯނިތަކަކީ ކޫއްޑޫއަށް މަސް ކިރަން ކިއު ހަދާފައި ތިބި ދޯނިތަކެވެ.

މުޒަހަރާގެ ބައިވެރިން ކުއްޑޫއަށް އަރައި، އެތަނުގެ އޮފީހާއި މަސް ކިރުން ހުއްޓުވާފައި އޮންނަތާ ހަތަރު ދުވަހަށްފަހު، މިއަދު ހެނދުނު ވަނީ މަސް ކިރަން ފަށާފައެވެ. އަދި ރާއްޖެއިން ބޭރަށް މަސް ބޭރުކުރުމަށް ތައިލެންޑުން ރާއްޖެ އައިސްފައިވާ އާގު ބޯޓު ވަނީ ކޫއްޑޫއަށް ބަނދަރުކޮށް، މަސް ބަރުކުރުމުގެ މަސައްކަތް ފަށާފައެވެ.

މިދިޔަ އަންގާރަ ދުވަހު ކޫއްޑޫގައި މުޒާހަރަ ކުރި މަސްވެރިން، އެ ރަށު ބަނދަރުމަތީގައި -- ފޮޓޯ/ ހަތާވީސް

ސަރުކާރުން ކުރިން ނިންމާފައި އޮތީ، މަސްވެރިންނަށް ދޭންޖެހޭ 298 މިލިއަން ރުފިޔާ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ދީ ނިންމާ ގޮތަށެވެ. ނަމަވެސް މުޒާހަރާއާ ގުޅިގެން 70 މިލިއަން ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ. އަދި 30 މިލިޔަން ރުފިޔާ އަންނަ އާދީއްތަ ދުވަހު ދޫކުރާނެ ވަނީ ނިންމާފައެވެ. ބާކީ ހުރި ފައިސާ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު ޖަމާކުރަމުން ގެންދާ ގޮތަށް ވަނީ އެއްބަސްވެފައެވެ.

ކޫއްޑޫގައި މުޒާހަރާ ކުރި މަސްވެރިންނާ ބައްދަލުކުރުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް އެ ރަށަށް ވަޑައިގެންނެވިއެވެ. އަދި އޭގެ ފަހުން މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު ވެސް ވަނީ މަސްވެރިންނާ ބައްދަލުކޮށް، ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާފައެވެ.