ގައުމުގެ އިގްތިސޯދީ ހާލަތަށް ނުބަލާ "ކަޑަ" ޖަހާ ވެރިއަކަށް ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިއަދު ވަނީ ތ. އަތޮޅުގެ ރަށްތަކަށް ދަތުރު ފައްޓަވައިފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތީ ތ. ގުރައިދޫ އަށެވެ. އެއަށްފަހު ތ. ދިޔަމިގިއްޔަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ތަރައްގީގެ މަސައްކަތްތަކަކީ އެމަނިކުފާނު އެންމެ ސަމާލުކަން ދެއްވާނެ ކަންތައްތައް ކަމަށެވެ. އެހެންނަމަވެސް އެކަމުގެ ހުރަހަކަށް ވަނީ ގައުމުގެ މިހާރުގެ އިގްތިސޯދީ ހާލަތު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެކަމުން އަރައިގަތުމަށް ސަރުކާރުން މިހާރުވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ވިދާޅުވީ އޭގެ ނަތީޖާއަކަށް ވެގެން ދާނީ ރަށްރަށަށް ބޭނުންވާ ތަރައްގީގެ މަސައްކަތްތައް ފެށިގެން ދިއުން ކަމަށެވެ.
އެމަނިކުފާނު ގައުމުގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ދުވަހަކުވެސް ރާއްޖޭގެ ދަރަނި މައްޗަށް ނުދާ ވަރަކަށް، މައްޗަށް އަރާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ކޮންމެ ރައްޔިތެއްގެ ބޮލަށް ދަރަނި ޖެހޭ ނިސްބަތް ދުވަހަކުވެސް މައްޗަށް ނުދާޙާ ވަރަށް ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
އޭރުގެ ސަރުކާރުން ކަންކަން ކޮށްފައި އޮތް ގޮތުން ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށާއި އެކަމުގެ ސަބަބުން ރަށްރަށުގައި ފަށާފައިވާ ގިނަ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ހާލަތު އޮތީ މިހެން. އެހެންނަމަވެސް މީގެއިން އަރައިގަންނާނަން އިރާދަކުރެއްވިއްޔާ. އަރައިގަނެވޭނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ކޮންމެ ރައްޔިތަކަށް އިގްތިސާދީ ބާރުވެރިކަން ލިބި މުއްސަނދިކަން ލިބިގެން ދިއުން ކަމަށާއި އަދި ކުރިއެރުން ގެނެސް ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންޏާ ކަންތައްތައްވާ ގޮތަށް އިންތިހާބަށް މަހެއް ނުވަތަ ދޮޅުމަސް ވީމާ އައިސް މިއިން އެއްވެސް ކަމަކާ ބެލުމެއްނެތި ހަމަ ކުއްލިއަކަށް ބިންގާ އަޅައި، ކަޑަޖަހާ އުސޫލުން ކަންކަންކޮށްފައި ދިޔައީމާ ރައްޔިތުންނަށް ވާ ފައިދާއެއް ނޯވޭ..." ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު މި ދަތުރުފުޅު ކުރައްވާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.