ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ލިބުނުއިރު ޖުމްލަ ފައިދާގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯ އިން ވަނީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ރިޕޯޓު އާއްމު ކޮށްފައެވެ. އެސްޓީއޯގެ ހަތަރުވަނަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވާ މިންވަރަކީ މީގެ ކުރީ ކުއާޓާރާއި އަޅާ ބަލާއިރު ތިން ޕަސެންޓުގެ ދަށްވުމެކެވެ.

އެ ކުންފުނީގެ 2023 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 16.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ، މީގެ ކުރީ އަހަރާއި އަޅާބަލައި 10 އިންސައްތައިގެ ދަށްވުމެކެވެ. އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބެއް ކަމަށް އެސްޓީއޯ އިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއިއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގު ދަށްކުރުމާއިއެކު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމެވެ.

އެހެންނަމަވެސް އެ ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ ރަގަޅުވުމާއިއެކު، ޖުމްލަ ފައިދާގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެ ކުންފުނީގެ މައިގަނޑު ވިޔަފާރިތަކަށް އިސްކަންދީގެން ކުންފުނި ހަރުދަނާ ކުރުމުގެ އެކިއެކި މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އަދި އެ ކުންފުނީގެ ބެލެންސްޝީޓް ރީސްޓްރަކްޗާ މަސައްކަތުގެ ތެރެއިން ކުންފުނީގެ އެސެޓްތަކުގެ އަގުމަގު ކުރުމުގެ ގޮތުން މިހާރުގެ އަގަށް އަގު ކުރުމަށްފަހު އެސެޓްތައް އެޖަސްޓްކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.

"އަދި ތެލުގެ ބާޒާރުގައި އަންނަ ބަދަލުތަކާއި އެކު ތެލުގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމުގެ ގޮތުންނާއި ފިއުލް ސަޕްލައިސް މޯލްޑިވްސް ގެ ވިޔަފާރި ކުރިއެރުވުމުގެ ގޮތުން ވިކުނު ތެލުގެ އަދަށް ވަނީ ރިބޭޓްތައް ފޯރުކޮށްދީފައެވެ. ފިއުލް ރިބޭޓް އަދި އެސެޓް އިމްޕެއާރމަންޓް ހަރަދު ތައް އޭގެ އެންމެ އެކަށޭނެ މުއްދަތުގައި އެޖަސްޓް ކުރުމުގެ ގޮތުން މިއަހަރުގެ ފުރަތަމަ ތިން ކުއާޓާރގެ ހިސާބުތައް ވަނީ ރީސްޓޭޓް ކުރެވިފައެވެ." އެސްޓީއޯ އިން ބުންޏެވެ.

އެ ކުންފުނީގެ އިމްޕެއާމަންޓް ކޮސްޓާއި، ޕްރޮވިޝަންސް އަދި ހިންގުމުގެ ހަރަދު ނިސްބަތުން އިތުރުވީ ނަމަވެސް އެ ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއިއެކު މިއަހަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 1.3 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާބަލައި 23 އިންސައްތައިގެ ކުރިއެރުމެކެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން މިދިޔަ އަހަރުގެ ސާފު ފައިދާއަކީ 995 މިލިއަން ރުފިޔާއެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާބަލައި 15 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު، މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 819 މިލިއަން ރުފިޔާ ލިބިފައެވެ.