ހުޅުމާލޭއަށް ވުރެ ތިން ގުނަ ބޮޑު، ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ "ރަސްމާލެ" ވެރިރަށް މާލެ އާއި ގުޅުވާލާނީ ކަނޑު އަޑީގެ ޓަނަލަކުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ މޭޔަރު އަދި ތިން ދާއިރާއެއްގެ ކައުންސިލަރުން ހުވާ ކުރެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ މަސައްކަތް ކުރުމަށްޓަކައި ކަމަށް ގާބިލް ކުންފުނިތަކާއެކު މިހާރު މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ފަންނީ އިނޮވޭޓިވް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"ރަސްމާލެއަށް ގުޅުވާލުމަށްޓަކައި ވަރަށް ގާބިލު ކުންފުނިތަކާ އަޅުގަނޑުމެން މިހާރު ވާނީ މަޝްވަރާ ފަށާފައި. މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް މިހާރު މި ޕްލޭން ކުރެވެނީ އަންޑަވޯޓާ ޓަނަލް، މާލެއިން ރަސްމާލެއަށް ގުޅުވާލުމުގެ މަސައްކަތް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއު ވެގެން ދާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ބޮޑު ބަދަލެއް ގެނުވާނެ މަޝްރޫއުއަކަށް ކަމަށެވެ.

"މިއީ ޓޫރިޒަމްގެ ބޮޑު މަޝްރޫއުއެއް. މިއީ ރާއްޖޭގެ ޓޫރިސްޓުން އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެއް. އަޅުގަނޑުމެން ކުރާނީ ދެކޮޅުޖެހޭ މަސައްކަތް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅު ހިއްކާ ނިމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް ---

މާލެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި މިހާރު ހިއްކަމުން އަންނަ ތަންތަނުން އެކަނި، އެ މައްސަލަ އަށް ހައްލެއް ލިބިގެން ނުދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް މިރޭ ވެސް ރައީސް ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލު ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފައެވެ.

ފުށިދިއްގަރުފަޅުން 1153 ހެކްޓަރުގެ ބިން އަށް މަސް ދުވަހުގެ ތެރޭގައި ހިއްކާނެއެވެ. އެ މަޝްރޫއަކީ ރާއްޖޭގައި ހިންގޭނެ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއު ކަމަށާއި އެތަނުގެ ބޮޑުމިން ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލުމުންވާވަރުގެ ތިން ރަށް ވަރުވާނެއެވެ.

ރާއްޖޭގެ އެހެން ރަށްރަށުން ފުށިދިއްގަރުފަޅަށް ހިޖުރަކޮށް، ގޯތި ލިބޭނެ ގޮތް ހައްދަވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން 65،000 ފްލެޓް އެ ތަނުގައި އިމާރާތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.