ގއ. އަތޮޅު ހޮސްޕިޓަލުގެ ހިދުމަތް ދަށްވުމާއި ގުޅިގެން ގއ. ވިލިނގިލި ރައްޔިތުން ނިކުމެ ހޮސްޕިޓަލުގެ ނަން ބަދަލުކޮށްފިއެވެ.

ވިލިނގިލީ ރައްޔިތުން މިއަދު ވަނީ ހޮސްޕިޓަލު ކައިރީގައި އިހުތިޖާޖު ކޮށްފައެވެ. އިހުތިޖާޖު ކޮށްފައި ވަނީ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތުގެ ފެންވަރު ދަށްވުމާއި ގުޅިގެންނެވެ. އެގޮތުން އެރަށުގެ ރައްޔިތުން ނިކުމެ ގއ. އަތޮޅު ހޮސްޕިޓަލުގެ ނަން ގއ. ވިލިނގިލި ހެލްތު ޕޯސްޓުގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ހިނގާފައި ވަނީ އެރަށު ހޮސްޕިޓަލުގައި އޮތް ހާލު ބޮޑު ބަލި މީހަކު މާލެ ފޮނުވާލުން ލަސްވުމާއި ގުޅިގެންނެވެ.

ގއ. އަތޮޅު ހޮސްޕިޓަލުގެ ހިދުމަތް ދަށްވުމާއި ގުޅިގެން ރައްޔިތުން ނިކުމެ މުޒާހަރާ ކުރަނީ ---

ހޮސްޕިޓަލުން ބުނީ އެމީހާ މާލެ ފޮނުވާލުމަށްޓަކައި އެ ހޮސްޕިޓަލުން ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. ބަލި މީހާ މާލެ ފޮނުވާލަނީ ޗާޓާ ކޮށްގެން ގެންނަ ފްލައިޓެއްގައި ކަމަށާއި އެމީހާ ފޮނުވާލުން ލަސްވަނީ އެ ފްލައިޓު ނައިސްގެން ކަމަށްވެއެވެ.

ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ އެމީހާ މާލެ ފޮނުވާލުމަށް ގެންނަން ޖެހޭ ފްލައިޓު ގެނައުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ހޮސްޕިޓަލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.