އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ފޮރިން މިނިސްޓްރީ އަށް މިއަދު ވަޑައިގަތީ ކުރިން ތާވަލު ކޮށްފައިވާ ބައްދަލުވުމަކަށް ކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުނެފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެގައުމުގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯ އަދި ފޮޓޯތަކަކަށް ރާއްޖޭގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް ކުޑައިމީސްކޮށް ވާހަކަދެއްކި މައްސަލައެއް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އެ މައްސަލާގައި އިންޑިއާއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރު ކޮށްފައިވާއިރު މޯދީ އަށް ކުޑައިމީސްކޮށް ވާހަކަދެއްކި މުވައްޒަފުން ވަނީ ސަސްޕެންޑު ކޮށްފައެވެ.

އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނީ ހައި ކޮމިޝަނަރު ފޮރިން މިނިސްޓްރީ އަށް މިއަދު ވަޑައިގަތީ އެމްބެސެޑާ އެޓް ލާޖް އަލީ ނަސީރު މުހައްމަދާ އެކު ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމަކަށް ކަމަށެވެ.

މޯދީ އަށް ކުޑައިމީސްކޮށް ވާހަކަދެއްކި މައްސަލާގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ވަނީ ބަޔާނެއް ވެސް ނެރެފައެވެ.

އެ މިނިސްޓްރީން ބުނެފައި ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބޭރުގެ ލީޑަރުންނާއި އަދި ބޭރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ މެދު އިހާނެތިކޮށް ވާހަކަ ދައްކަމުންދާކަން ދިވެހި ސަރުކާރަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ ހިޔާލުތަކަކީ އެ ހިޔާލުތައް ފާޅުކުރާ ފަރާތްތަކުގެ އަމިއްލަ ހިޔާލުތަކެއް ކަމަށާއި އެއީ ދިވެހި ސަރުކާރުގެ ވިސްނުން ރަމްޒު ކޮށްދޭ ހިޔާލުތަކެއް ނޫން ކަމަށް ވެސް ބުންޏެވެ.

"ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރަން ވާނީ ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި، ނަފްރަތާއި، ރުޅިވެރިކަން ނުފެތުރުމާއި، ރާއްޖެއާއި ބައިނަލްއަގުވާމީ ބައިވެރިންގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށެވެ" ބަޔާނުގައިވެއެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައި އެފަދަ އިހާނެތި ބަސްތައް ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުން ފަސް ނުޖެހޭނެ ކަމަށް ބުންޏެވެ.