ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީ އަށް ބަދަލު ކުރާނީ 2026ވަނަ އަހަރު ކަމަށާއި އަންނަ އަހަރު ސްކޫލުތަކުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރުގައި ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ނާޒިމް ވިދާޅުވީ 2026 ވަނަ އަހަރުގެ ދިރާސާ އައު އަހަރު ފެށޭނީ ޖެނުއަރީ މަހު ކަމަށެވެ. އަދި އަހަރުގެ މެދު ތެރެއިން ތިން ހަފްތާގެ ޗުއްޓީއެއް ލިބޭނެ ކަމަށާއި ޑިސެމްބަރު މަހު ހަތަރު ހަފްތާއެއްގެ ޗުއްޓީއެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ،

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިރާސީ އައު އަހަރު އަހަރުގެ މެދު ތެރޭގައި ފަށާ ގޮތަށް ނިންމީ ކޮވިޑް19ގެ އާލަމީ ވަބާގެ ސަބަބުންނެވެ.

ރިޔާސީ ކެމްޕެއިނަށް ދ. ކުޑަހުވަދޫ އަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު އޭރު ވިދާޅުވީ 2025ވަނަ އަހަރުން ފެށިގެން ސްކޫލުތަކުގެ ކިޔެވުން ޖެނުއަރީ މަހު ފަށާ ގޮތަށް ބަދަލުކޮށް، ޑިސެމްބަރު މަހަށް ބޮޑު ޗުއްޓީ ބަދަލު ކުރައްވާނެ ކަމަށެވެ.

ވިދާޅުވާ ގޮތުގައި އެ ބަދަލުގެ ސަބަބުން ބެލެނެވެރިންނާއި ދަރިވަރުންނަށް ގިނަ ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށެވެ.

ސަބަބެއްގެ ގޮތުގައި ރައީސް މުއިއްޒު ވިދާޅުވީ މިހާރު ބޮޑު ޗުއްޓީ އަންނަނީ ރާއްޖެ އަށް ހުޅަނގު މޫސުން ފެށޭ ދުވަސްވަރު ކަމަށް ވާތީ އެ ބަންދުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފޭ ކަމަށެވެ.

"އެ ބަދަލުގެ ސަބަބުން ބޮޑު ބަންދުގެ ބޭނުމެއް ނުހިފޭ. އާއިލާތަކަށް އޭގެ ބޭނުމެއް ނުހިފޭ،" ރިޔާސީ ކެމްޕެއިން ތެރޭގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރުން މިއަދު ބުނީ އަލަށް ގެންނަން ނިންމި ބަދަލު ގެންނަން ނިންމާފައި ވަނީ ކަމާ ގުޅޭ ފަރާތްތަކާ ވަރަށް ތަފްސީލުކޮށް މަޝްވަރާ ކޮށްގެން ކަމަށެވެ.