އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޭން ނިންމާފައިވާ ޕްރޮމޯޝަންތަކެއް އަލުން ރިވިއު ކުރަން ފަށައިފިއެވެ.

އޭވިއޭޝަން އިން ވަނީ މިމަހުގެ ހަތަރުވަނަ ދުވަހު ސާކިއުލާއެއް ނެރެފައެވެ. އެ ސާކިއުލާގައި ބުނެފައި ވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ވަޒީފާގެ އޮނިގަނޑުގައިވާ ގޮތުގެ މަތީން މުވައްޒަފުން ނެގުމަށް އިންޓާނަލީ ކޮށްފައިވާ އިއުލާނުތަކުގެ ތެރެއިން ފަސް މަގާމެއްގެ އިންޓަވިއު ޕްރޮސެސް ބާތިލްކޮށް އެ މަގާމުތަކުގެ އިންޓަވިއު ޕްރޮސެސް އަލުން ކުރިޔަށް ގެންދިއުމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން އޭވިއޭޝަން ސެކިއުރިޓީގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވަނީ އެ މުވައްޒަފުންގެ ޕްރޮމޯޝަން ނުވަތަ މަގާމުގެ ކުރިއެރުން މި ސަރުކާރުން "ހިފަހައްޓާފައިވާ" ކަމަށް ތުހުމަތު ކޮށްފައެވެ.

އެކަމާއި ގުޅިގެން "ހަތާވީސް"އާ ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާޒު ހަލީމް ވިދާޅުވީ އެއްވެސް ޕްރޮމޯޝަނެއް ހިފަހައްޓާފައި ނުވާނެ ކަމަށެވެ. އަދި އެ ޕްރޮމޯޝަން އޭގެ ހައްގުވެރި ފަރާތްތަކަށް ލިބޭނެ ކަމަށެވެ.

ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާޒު ހަލީމް ---

"މިވާ ގޮތަކީ ޓްރާންސިޝަން ޕީރިއަޑުގެ ތެރޭގައި އަވަސް އަރުވާލައިގެން ކުއްލިއަކަށް ޕްރޮމޯޝަންތަކެއް ދޭން ކުރީ ސަރުކާރުން ނިންމީ. ދެން ހަމަ އޭގެ ކުޑަކުޑަ ދުވަސްކޮޅެއް ކުރިންވެސް މިކަހަލަ ކަމެއް ކުރި. ކުރުކޮށް ދަންނަވާނަމަ ކުރީ ސަރުކާރުގެ ވެރިކަން ނިމެން ކައިރިވެފައި ވަނިކޮށް މި ކަމެއް ހިނގައިގެން ދިޔައީ. ސީއެސްސީން އެންގީ އެކަން ހުއްޓާލަން. އެހެންނަމަވެސް އެކަމަށް އިޖާބަ ނުދީ ކުރިޔަށް ދާން އުޅުނީމަ ސީއެސްސީން އެންގީ އެ ކޮމިޝަނުން ވަކި ގޮތެއް އަންގަން ދެން އެކަން ހުއްޓާލަން،" މައްސަލައިގެ އަސްލު ފެށުނު ހިސާބު މުއާޒު ވިދާޅުވިއެވެ.

އާ ސަރުކާރު އައުމުން ސީއެސްސީން އެންގީ ވަކި ކޮމެޓީއެއް ހަދައިގެން އެކަން ކުރިޔަށް ގެންދިއުމަށެވެ. މުއާޒު ވިދާޅުވީ އިތުރު އާ މުވައްޒަފުންތަކަކަށް ޕްރޮމޯޝަން ދޭން ނޫޅޭ ކަމަށެވެ. ކުރާހާ ވެސް ކަމަކީ ދެފުއް ފެންނަ ގޮތަކަށް އެކަން ކުރުން ކަމަށް ވިދާޅުވިއެވެ.

"ބައެއް މުވައްޒަފުންނަށް އެބަހުރި އޮފާ ލެޓާއެއް ވެސް ދީފައި. އަޅުގަނޑު މި ދަންނަވާ އެއްޗަކީ އެ ލެޓާ ލިބުނު މުވައްޒަފުންނަކީ ވެސް ޕްރޮމޯޝަން ހައްގުވާ މުވައްޒަފުންތަކެއް ނަމަ އެ ކުދިންނަށް އެއްވެސް ހުރަހެއް ނެތޭ ޕްރޮމޯޝަން ލިބޭނެއޭ. އަދި އަޅުގަނޑުމެން މިއުޅެނީ ވަކި ކުދިންތަކެއް ސެލެކްޓް ކުރާކަށް ނޫން. މިއުޅެނީ ފެއާ ގޮތަކަށް މިކަންތައް ކުރިޔަށް ގެންދަން. މިހާރު އެކުލަވާލާފައިވާ ކޮމެޓީ އޮބްޒާވް ކުރުމަށް ވެސް ދެ ފަރާތެއް ހުންނާނެ ނަގާފައި. ޕްރޮމޯޝަންތަކެއް ނުހުއްޓުވަން އަދި ނުވެސް ހުއްޓުވާނެ،" މުއާޒު ވިދާޅުވިއެވެ.