ރަސްމާލެ ތަރައްގީ ކުރުމަށްޓަކައި ފުށިދިއްގަރުފަޅު ހިއްކުމަށް ދައުލަތުން އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭ ކަމަށާއި ނަމަވެސް އެތަން ހިއްކުމަށް ހަވާލު ކޮށްފައިވާ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަތުން އެތަން ހިއްކުމަށް 700 މިލިއަން ޑޮލަރު ވަރު ހޭދަވެގެން ދާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުއްތޮލިބް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭއަށް ވުރެ ތިން ގުނަ ބޮޑު، ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ވަނީ ފައްޓަވައި ދެއްވައިފައެވެ.

އެ ފަޅު ހިއްކުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ ފުށިދިއްގަރުފަޅުން 1153 ހެކްޓަރުގެ ބިން އަށް މަސް ދުވަހުގެ ތެރޭގައި ހިއްކާނެ ކަމަށެވެ. އެ މަޝްރޫއަކީ ރާއްޖޭގައި ހިންގޭނެ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއު ކަމަށާއި އެތަނުގެ ބޮޑުމިން ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލުމުންވާވަރުގެ ތިން ރަށް ވަރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތޮލިބް ---

ރާއްޖޭގެ އެހެން ރަށްރަށުން ފުށިދިއްގަރުފަޅަށް ހިޖުރަކޮށް، ގޯތި ލިބޭނެ ގޮތް ހައްދަވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން ގޯއްޗާއި ފްލެޓު ހިމެނޭހެން އެތަނުގައި 65،000 ހައުސިން ޔުނިޓު އަޅާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުއްތޮލިބް ވިދާޅުވީ އެތަން ހިއްކުމަށް ދާނެ ހަރަދަކީ އެއްވެސް ގޮތަކަށް ކުޑަ ހަރަދަކަށް ނުވާނެ ކަމަށެވެ. ނަމަވެސް ކިތަންމެ ބޮޑު ހަރަދެއް އެކަމަށް ދިޔަ ނަމަވެސް ކޮންޓްރެކްޓާ އޮތީ އެ ހުރިހާ ރިސްކެއް ނަގާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ގާތްގަނޑަކަށް 500 އާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އެންމެ މަދުވެގެން ވެސް ހަރަދުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅު ހިއްކަނީ ސީއެމްސީ އަށް ޖުމްލަ 70 ހެކްޓަރުގެ ބިން ދޭ ގޮތަށެވެ. އެގޮތުން ސީއެމްސީ އަށް ފުށިދިއްގަރު ފަޅުން 60 ހެކްޓަރު އަދި ހުޅުމާލެ އިން 10 ހެކްޓަރާއެކު ޖުމްލަ 70 ހެކްޓަރުގެ ބިން ދިނުމަށް ވަނީ ނިންމާފައެވެ.