މީގެކުރިން އާދަމް އާޒިމާ ސަރުކާރުތަކުން ހަވާލު ކޮށްފައި ވަނީ މުޅިން ވެސް ކުންފުނިތައް ހިންގުމެވެ. އޭނާގެ މަސައްކަތުގެ ގާބިލްކަން ހަމައެކަނި އެންމެ ފަހުން އޭނާއާ ހަވާލުކުރެއްވި އެމްޓީސީސީން އެކަނި ވެސް ގިނަ ބަޔަކަށް ފެނިގެން ދާނެއެވެ. މާލޭގައި މަޑުޖެހިފައި އާޒިމް ހުންނަވާ ދުވަހެއް މަދުވާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ގިނަ ވަގުތު ހޭދަކުރެއްވީ "ފިނި" ކޮޓަރިކޮޅަކު ނޫނެވެ. ގިނަ ވަގުތު ހޭދަކުރެއްވީ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށެވެ. ނަމަވެސް މިއަދު އާޒިމް ކުންފުނިތަކުގެ ސީއީއޯ އަދި އެމްޑީ ކަމުން ނިކުމެވަޑައިގެން އެ ހުންނެވީ މާލެ ސިޓީގެ ރައްޔިތުންގެ މޭޔަރުގެ މަގާމަށް ކުރިމަތިލައިގެންނެވެ. މީގެކުރިން އަދާކުރެއްވި މަގާމުތަކާއި މުޅިން ތަފާތު މަގާމެކެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ އެކިއެކި ދާއިރާތަކުގައި އަޅުގަނޑަށް ވަނީ ލިބިފައި. ސިޓީއެއް ތަރައްގީކޮށް ކުރިއެރުވުމުގެ ތަޖުރިބާ އެކި ގޮތް ގޮތުން އަޅުގަނޑަށް ވަނީ ލިބިފައި. އެހެންވީމާ އަޅުގަނޑު ވަރަށް ވިސްނާފައި ނިންމީ މިހާރު މާލެއަށް ދިމާވެފައި މިވާ ހާލަތު ބަދަލު ކުރުމަށް އަޅުގަނޑުގެ ތަޖުރިބާ އެބަ އެދޭ. އެހެންވީމާ އަޅުގަނޑު ބޭނުންވީ މާލެ ސިޓީ އަށް 20 އަށް 30 އަށް އަހަރުގެ ތެރޭގައި ދިމާވެފައި މިވާ މައްސަލަ ސާފު ކުރުމަށް އަޅުގަނޑަކީ އެންމެ އެކަށީގެންވާ މީހަކަށް ދެކޭތީ އެކަން ކޮށްދިނުމުގެ ބޭނުމުގައި އަޅުގަނޑު މިއަދު ކުރިމަތިލައިގެން މިހުރީ،" "ހަތާވީސް" އަށް ދެއްވި އިންޓަވިއުއެއްގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަނުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އާޒިމް ވިދާޅުވިއެވެ.

އާޒިމް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު: އާޒިމަކީ އެ ސަރުކާރުގައި ހިންގި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހަވާލުކުރި އެމްޓީސީސީގެ އޭރުގެ ސީއީއޯ --

މި އިންތިހާބުގައި އާޒިމްއާއެކު އިތުރު ހަތަރު ކެންޑިޑޭޓަކު ވާދަ ކުރެއެވެ. ނަމަވެސް އާޒިމް ވިދާޅުވަނީ މާލެއަށް ބޭނުންވަނީ މުޅި މާލެ ސިޓީ އަށް ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ގެންނާނެ ބޭފުޅެއް ކަމަށާއި އޭނާއާ އެހެން ކެންޑިޑޭޓުންގެ ތަފާތަކީ އެއީ ކަމަށެވެ.

"އަޅުގަނޑަކީ އަބަދުވެސް މައްސަލައަށް ހައްލު ހޯދައިގެން މަސައްކަތް ކުރާ މީހެއް. އަވަސް ހައްލުތަކެއް އަޅުގަނޑު ގެންނަން ކޮންމެ ތަނެއްގައި އަޅުގަނޑު މަސައްކަތް ކުރިޔަސް. އަޅުގަނޑު ނުހުންނަން ބަލަހައްޓައިގެންނެއް،" އާޒިމް ވިދާޅުވިއެވެ.

މާލެ ސިޓީގެ މޭޔަރު ބައި އިލެކްޝަނުގައި ވާދަކުރައްވާ އާޒިމް ކެމްޕެއިނުގައި: ފޮޓޯ | އެމްޑީޕީ

އާޒިމްވެސް ފާހަގަކުރެއްވީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. ނަމަވެސް އެކަމުގައި އޭނާގެ މާބޮޑު ހާސްކަމެއް ނެތެވެ. ވިދާޅުވީ އެކަން އޭނާ ނިސްބަތްވާ ޕާޓީ، އެމްޑީޕީގެ ސަރުކާރުން އޮތީ ފަށާފައި ކަމަށެވެ. އަދި އާޒިމްގެ މަސައްކަތަށް ދެން ވާނީ އެ މަސައްކަތް ނިންމާލުން ކަމަށް ވެސް ވިދާޅުވިއެވެ.

އުމުރުފުޅުން 16 އަހަރުގައި މަސައްކަތުގެ މައިދާނަށް ނިކުމެވަޑައިގެންނެވި އާޒިމް ވިދާޅުވީ އޭނާ އަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް އަވަސް ހައްލުތަކެއް ގެނެސް ދެއްވާނެ ކަމަށެވެ. އޭނާ މޭޔަރު ކަމަށް ކުރިމަތިލައިގެން ހުންނެވީ އެ މަގާމު ލިބިވަޑައިގެންފި ނަމަ ސަރުކާރާ ސިޓީ ކައުންސިލާއި ދެމެދު "ކޯޅި" "އަރާރުންވާން" ނޫން ކަމަށާއި އެ މަގާމަށް ކުރިމަތިލެއްވީ ރައްޔިތުންނަށް އުފާވެރި ހިތްހަމަ ޖެހޭ ދިރިއުޅުމެއް ހޯއްދަވައި ދެއްވުމަށް ކަމަށް ވިދާޅުވިއެވެ.

މާލެ ސިޓީގެ މޭޔަރު ބައި އިލެކްޝަނުގައި ވާދަކުރައްވާ އާޒިމް ކެމްޕެއިނުގައި: ފޮޓޯ | އެމްޑީޕީ

"މާލޭގައި މީހުން އަސްލު އުޅެނީ މަޖުބޫރުވެގެން. މާލެއަކީ މީހުންނަށް އުޅެވޭ ގޮތަކަށް އޮތް ތަނެއް ނޫން މާލެވެސް ވިލިމާލެ ވެސް. އަދި ހުޅުމާލެ ވެސް ބުނަންޏާ އެގޮތަށް ނިމިގެން އެދަނީ. ހަގީގަތުގައި ކަންކަމަށް ގާބިލް ނޫން މީހުން އިންތިހާބު ކުރެވުމުން މުޅި ގައުމަށް މި މައްސަލަ ދިމާވަނީ،" އާޒިމް ވިދާޅުވިއެވެ.

ގިނަ ބަޔަކަށް އާޒިމް އެންމެ ފުރަތަމަ ފާހަގަކުރެވުނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުންނެވެ. ނަމަވެސް އޭގެކުރިން ވެސް އޭނާ އަކީ ވިޔަފާރީގެ ދާއިރާ އިން ވެސް އެތައް ތަޖުރިބާތަކެއް ލިބިވަޑައިގެންފައި ހުންނެވި ބޭފުޅެކެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމްޑަބްލިއުއެސްސީ އަށް އައްޔަން ކުރެއްވިއެވެ. އޭގެފަހުން ސަރުކާރުގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި އެމްޓީސީސީގެ ސީއީއޯ ކަމަށް އައްޔަން ކުރެއްވިއެވެ. މިއިން ކޮންމެ ތަނަކުން ވެސް އާޒިމް ނިކުންނެވީ "ތަފާތު" ދައްކަވާފައެވެ. މިއަދުވެސް އޭނާ ހުންނެވީ އެ ތަފާތު ރައްޔިތުންނަށް ދައްކުވައި ދިނުމުގެ އަޒުމުގައެވެ.

މާލެ ސިޓީގެ މޭޔަރު ބައި އިލެކްޝަނުގައި ވާދަކުރައްވާ އާޒިމް ކެމްޕެއިނުގައި: ފޮޓޯ | އެމްޑީޕީ

"އަޅުގަނޑުގެ ތަޖުރިބާއާ އަޅުގަނޑުގެ ތައުލީމާއި އަޅުގަނޑުގެ ޓްރެކް ރިކޯޑު މިއަދު މިއޮތީ ވަރަށް ސާފުކޮށް އެނގެން ހުރިހާ އެންމެންނަށް ވެސް. އަޅުގަނޑަކީ އަޅުގަނޑު ހަވާލުވާ ކޮންމެ ތަނެއް އަޅުގަނޑު ހަވާލުވީ އިރަށްވުރެ ރަނގަޅު ތަނެއްގެ ގޮތުގައި އަބަދުވެސް އޮންނާނީ ހަވާލު ކޮށްފައި ދެން އަންނަ ބަޔަކު އަންނަންވާއިރު،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު: އާޒިމަކީ އެ ސަރުކާރުގައި ހިންގި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހަވާލުކުރި އެމްޓީސީސީގެ އޭރުގެ ސީއީއޯ --

އާޒިމްގެ ވިސްނުން ހުންނެވީ ހަމައެކަނި މާލެ ތަރައްގީ ކުރުމެއް ނޫނެވެ. ސިޓީ ކައުންސިލަކީ ކޮންމެ ދުވަހަކުވެސް އެތައް ރައްޔިތުންތަކަކަށް ހިދުމަތް ދެމުން އަންނަ ތަނަކަށްވާއިރު އާޒިމްގެ ތަސައްވަރަކީ އެތަނުގެ ހިދުމަތްތައް ވެސް ރައްޔިތުންނަށް ތަކުލީފަކަށް ނުވާނެ ފަދަ ގޮތަކަށް ދިނުމެވެ.

ނޯޓު: މިއީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަނުގައި ވާދަކުރައްވާ އާދަމް އާޒިމްގެ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.