ހުޅުމާލޭ 3 ވަނަ ފިޔަވަހި ބިން ހިއްކުމުގެ މަސައްކަތްތަކުގެ ދެވަނަ ފޭސްގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ތިން ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ޕްރޮޖެކްޓްގެ ފުރަތަމަ ފޭސްގެ 10 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނި ނިމިފައެވެ. ދެވަނަ ފޭސް ގައި ހިއްކުމަށް ކަނޑައެޅިފައި ވަނީ 29 ހެކްޓަރެވެ. އަދި ތިން ވަނަ ފޭސް ގައި 24 ހެކްޓަރެވެ.

ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާ ލެއްވުމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ފޭސް 3 ސަރަހައްދަށް މިއަދު ޒިޔާރަތް ކުރެއްވިއެވެ. ބިން ހިއްކާ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި، އެ ޕްރޮޖެކްޓާ ބެހޭ މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުރަތަމަ ސްޓޭޖްގެ ބިން ހިއްކުމަށް ފަހު، ޑްރެޖަރުގެ މަރާމާތަކަށް މަސައްކަތް މެދުކަނޑާލަން ޖެހުނު ނަމަވެސް، އެ ޕްރޮޖެކްޓްގެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށެވެ.

އާބަންކޯގެ އެމްޑީ ފަޒުލް، ފޭސް ތިނެއް ހިއްކާ ސަރަހައްދު ބައްލަވާލައްވަނީ: ފޮޓޯ | އާބަންކޯ

މީގެ އިތުރުން އެސަރަހައްދުން ގޯތި ލިބޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބިން ދޫކުރުމަށް ހަމަޖެހިފައި ވާކަމަށް ވެސް ވިދާޅުވިއެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހި ތަރައްގީވެގެން ދާއިރު ރައްޔިތުންނަށް ލުއި ފަސޭހަ ވާނޭހެން ގިނަ ހިދުމަތްތަކާއި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.