ކުރީގެ ވެރިންނަށް އިހުތިރާމާއި ގަދަރު ހިތުގައި އެބައޮތް ކަމަށާއި އެހެންނަމަވެސް އެ އިހުތިރާމާއި ގަދަރުގެ މަތީގައި ގައުމު އޮޔާދާން ދޫކޮށް ނުލެވޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޔާމީނަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް (އަދުރޭ) ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް ސޮއި ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އަށް މިހާ ހިސާބަށް އާދެވުނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލައިގެން ކަމަށެވެ. ނަމަވެސް އެ ހާލަތުގައި ވެސް ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ދެއްކެވި ނަމޫނާ އަކީ މިއަދު މިހާ ހިސާބަށް އާދެވުމުގެ އެންމެ ބޮޑު މިސާލު ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭގެ ވާހަކަފުޅުގައި އެދެޕާޓީ އަށް ކުރިމަތިވި އެންމެ ހިތާމަވެރި އަދި އެންމެ އުނދަގޫވީ ހާލަތުގައި ވެސް ޕީޕީއެމް/ޕީއެންސީން އިސް ކުރީ ގައުމު ކަމަށް ވިދާޅުވިއެވެ. [އަދުރޭ އެ އިޝާރާތް ކުރެއްވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ކުރިން އެރުވި ކުރީގެ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ހާލަތަށް ދިއުން ކަމަށް ބެލެވެއެވެ.]
"އަޅުގަނޑުމެންގެ ހިތުގައި މި ގައުމަށް ހިދުމަތް ކުރެއްވި އިއްޒަތްތެރިންނަށް އިހްތިރާމާއި ގަދަރު އެބައޮތް. އެބޭފުޅުން އެކުރެއްވި ހިދުމަތް އަޅުގަނޑުމެން ބަލައިގަންނަން. އެހެންނަމަވެސް އަޅުގަނޑުމެންނަކަށް ނެތް އެ އިހުތިރާމާއި ގަދަރުގެ މަތީގައި ގައުމު އޮޔާދާން ދޫކޮށްލެވޭކަށެއް. ރައްޔިތުން މަގުމަތި ކޮށްލެވޭކަށެއް. ޒުވާނުން ބިކަވާން ދޫކޮށްލެވޭކަށް،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭގެ ވާހަކަފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް މަޖިލީހުން ރުހުން ނުދިނަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު އެހާ ވަރަކަށް ތިޔަ ރުހުން ހޯދާކަށް ނުވެސް އުޅެން. ރުހުން ދެންޏާ ދޭންވީ. ނުދެންޏާ ނުދީ ތިއްބަވަންވީ. ރައީސުލް ޖުމްހޫރިއްޔާއަށް ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ޅ. ގެ ދަށުން އެމަނިކުފާނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަން މީހުން އައްޔަން ކުރުމުގެ ބާރު ލިބިދޭ. ރުހުން ނުދީފިއްޔާ އެއްގޮތުން މާ ރަނގަޅު. އޭރަށް އިތުބާރު ނެތްކަމުގެ މައްސަލަ ވައްދައިގެން ވަޒީރުން ވައްކެއް ނުކުރެވޭނެ." އަދުރޭ ވިދާޅުވިއެވެ.