ކ. ފުށިދިއްގަރުފަޅުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ "ރަސްމާލެ" މަޝްރޫއު އަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކުގެ އަގު ވަޒަންކުރަން ބާއްވާ "ކަންގަތި އެވޯޑް" ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރަސްމާލެ އަކީ މިހާރު އޮތް ހުޅުމާލޭގެ ތިން ހުޅުމާލެ ވަރުގެ ތަނެއް ކަމަށެވެ. އޭގެ އިތުރަށް ގިރާވަރު ފަޅާއި ގުޅިފަޅު ހިއްކައި އެންމެ ޒަމާނީ ފެންވަރުގައި އާ ޝަހަރުތަކެއް ދިވެހީންގެ ހަޔާތަށް ހަދިޔާކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ،

"އަޅުގަނޑުގެ މަގުސަދަކީ ގެދޮރުގެ ދަތިކަމުން އެންމެ އެންމެ ދިވެއްސަކު ވެސް ކަރުނައެއް އަޅަން ނުޖެހޭނެ ޒަމާނެއް ދިވެހީންނަށް ގެނެސްދިނުން. އެންމެ ޒަމާނީ ސިޓީތަކަށް ދިވެހީންގެ އާ ޖީލުގެ ދިރިއުޅުން ބަދަލުކޮށްލުން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ އެ މަޝްރޫއު އަށް ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމަނާފައި ވަނިކޮށް އެފައިސާ އުނި ކުރުމުން ސުވާލު އުފެދޭ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެ މަޝްރޫއު އަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަރަދު ނުކުރައްވާނެ ކަމަށެވެ. ނަމަވެސް އެ މަޝްރޫއު އަށް ފައިސާ ހަމަޖެހުނު ގޮތުގެ ތަފްސީލެއް ނުދެއްވައެވެ.

ހުޅުމާލޭއަށް ވުރެ ތިން ގުނަ ބޮޑު، ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ވަނީ ފައްޓަވައި ދެއްވައިފައެވެ.

އެ ފަޅު ހިއްކުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ ފުށިދިއްގަރުފަޅުން 1153 ހެކްޓަރުގެ ބިން އަށް މަސް ދުވަހުގެ ތެރޭގައި ހިއްކާނެ ކަމަށެވެ. އެ މަޝްރޫއަކީ ރާއްޖޭގައި ހިންގޭނެ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއު ކަމަށާއި އެތަނުގެ ބޮޑުމިން ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލުމުންވާވަރުގެ ތިން ރަށް ވަރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެހެން ރަށްރަށުން ފުށިދިއްގަރުފަޅަށް ހިޖުރަކޮށް، ގޯތި ލިބޭނެ ގޮތް ހައްދަވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން ގޯއްޗާއި ފްލެޓު ހިމެނޭހެން އެތަނުގައި 65،000 ހައުސިން ޔުނިޓު އަޅާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.