ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ "ރަސްމާލެ" އަކީ ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަ ތާއަބަދަށް ހައްލު ކޮށްދޭނެ މަޝްރޫއުއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭއަށް ވުރެ ތިން ގުނަ ބޮޑު، ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ރައީސް މުއިއްޒު ވަނީ ފައްޓަވައި ދެއްވަވައިފައެވެ. ފުށިދިއްގަރުފަޅުން 1153 ހެކްޓަރުގެ ބިން އަށް މަސް ދުވަހުގެ ތެރޭގައި ހިއްކާނެއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫއުއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިހާރުވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކުރީ ސަރުކާރުން ހިއްކަން ފަށާފައިވާ ގުޅީފަޅާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމަށެވެ. އަދި އެ ދެ ރަށާއި ފުށިދިއްގަރު ފަޅާއެކު ޒަމާންތަކެއް ވަންދެން މާލެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ތާއަބަދަށް، ދާއިމަށް ހައްލުވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަދި މާލޭގައި ދިރިއުޅޭ އެހެން ރައްޔިތުންނަށް ވެސް ހަމަ އެ ހައްލު މިބިމާއި ދެންމެ މި ދެންނެވި އެހެން ބިންތަކުން އެކުއެކީގައި ހައްލު ކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެތަންތަން ހިއްކަނީ ހަމައެކަނި މާލޭގެ ރައްޔިތުންނަށް ބިންތައް ލިބޭނެ ގޮތަށް ނޫން ކަމަށެވެ. ސަރުކާރުގެ ޕްލޭނަކީ ރާއްޖޭގެ އެހެން ރަށްތަކުން ވެސް އެ ސަރަހައްދުތަކުން ބިން ބޭނުންވާ ފަރާތްތަކަށް އެތަންތަނުން ބިން ދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ފަސްދޮޅަސް ފަސްހާސް ހައުސިން ޔުނިޓު، އެއީ ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް މި ޑިވެލޮޕްމަންޓުގެ ތެރޭގައި ގާއިމްކުރުމަށް ޕްލޭން ކުރެވިފައި މިވަނީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިތަނުގެ ބޮޑުމިން ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލުމުންވާވަރުގެ ތިން ރަށް ވަރުވާނެއެވެ. އެ ރަށުގެ މެދުގައި އުސްމިން ކަނޑުގެ ލޮނުގަނޑުން ފެށިގެން ތިން މީޓަރު ހުންނާނެއެވެ. އަދި ރަށުގެ ގޮނޑުދޮށާވީ ސަރަހައްދުގެ އުސްމިން ކަނޑުގެލޮނުގަނޑުން ފެށިގެން ދެ މީޓަރު ހުންނާނެއެވެ.