ހުޅުމާލޭއަށް ވުރެ ތިން ގުނަ ބޮޑު، ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ފައްޓަވައިފިއެވެ.

މާލޭގެ ދެކުނުން، 20 މިނެޓުން ލޯންޗުގައި ދެވޭ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ އެތަނުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ފަޅު ހިއްކުމުގެ ރަސްމިއްޔާތުގައި ވަޒީރުންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ ވެރިންގެ އިތުރުން ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ފަޅު ހިއްކުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ ފުށިދިއްގަރުފަޅުން 1153 ހެކްޓަރުގެ ބިން އަށް މަސް ދުވަހުގެ ތެރޭގައި ހިއްކާނެ ކަމަށެވެ. އެ މަޝްރޫއަކީ ރާއްޖޭގައި ހިންގޭނެ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއު ކަމަށާއި އެތަނުގެ ބޮޑުމިން ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލުމުންވާވަރުގެ ތިން ރަށް ވަރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރަސް މާލެ" ހިއްކުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވަނީ-- ފޮޓޯ/ ރައީސް އޮފީސް

ފުށިދިއްގަރުފަޅަށް ރައީސް މުއިއްޒު ދެއްވި ނަމަކީ "ރަސް މާލެ" ނަމެވެ.

"މިއީ މިހާތަނަށް ހިއްކޭ އެންމެ ބޮޑު ބިން. އެންމެ ބޮޑު ރަސް ބިން. މިތަނަށް އަޅުގަނޑުމެން ކިޔާނީ ރަސް މާލެ،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެހެން ރަށްރަށުން ފުށިދިއްގަރުފަޅަށް ހިޖުރަކޮށް، ގޯތި ލިބޭނެ ގޮތް ހައްދަވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން 65،000 ފްލެޓް އެ ތަނުގައި އިމާރާތް ކުރައްވާޏެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ސޭފް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރާ އެ ރަށުގެ މެދުގައި އުސްމިން ކަނޑުގެ ލޮނުގަނޑުން ފެށިގެން ތިން މީޓަރު ހުންނާނެއެވެ. އަދި ރަށުގެ ގޮނޑުދޮށާވީ ސަރަހައްދުގެ އުސްމިން ކަނޑުގެލޮނުގަނޑުން ފެށިގެން ދެ މީޓަރު ހުންނާނެއެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ދައުލަތުގެ ޓީވީން ވަގުތުން ދައްކަނީ

ރައީސް ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ ގޮތުން، އެ ރަށް ފާހަގަކޮށްލެވިގެންދާނީ "މޯލްޑިވްސް އިކޯ ސިޓީ"ގެ ގޮތުގައެވެ.

"އަޅުގަނޑު ގަސްތުކުރަނީ އިރާދަކުރެއްވިއްޔާ މިތަނުގައި ގާއިމުވެގެންވާ ސިޓީއަކީ ޒީރޯ ކާބަން ސިޓީއަކަށް ހެދުން. މާނައަކީ މިތަނުގައި ދުއްވާ އުޅަނދުފަހަރު ވެސް، ތިމާވެއްޓާ ރަށްޓެހި ފިއުލް ބޭނުންކުރާނީ. ނުވަތަ އިލެކްޓްރިކް ނިޒާމު ނުވަތަ ބެޓްރި ނިޒާމު. މިތަނުގައި ހުރިހާ ފެސިލިޓީއެއްގައި ގެދޮރާއި ހުރިހާ ފެސިލިޓީއެއްގައި ބޭނުންކުރާނީ ރިނިއުބަލް އެނާޖީގެ އެކި އެކި ވަސީލަތްތައް ބޭނުންކޮށްގެން މުޅި ސިޓީ ހިންގާ،" ރައީސް ވިދާޅުވިއެވެ.

ރަސް މާލެ ހިއްކާ ނިމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް-- ފޮޓޯ/ އާބަންކޯ