ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެ ގެނައުން މަނާ ކޮށްފައި އޮތް ނިންމުން ބަދަލުކޮށް، އެގައުމުގެ މަސައްކަތްތެރިން އަލުން ރާއްޖެ ގެނެވޭ ގޮތަށް ހެދުމަކީ ބޮޑު ނުރައްކަލެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ 2019ވަނަ އަހަރުގެ ކުރިން ބަޔަކު އައީ ބަންގަލަދޭޝްގެ ވަގުފާރި ވިޔަފާރި އަކީ ބަޔަކު ކުރަމުން އައި އެތައް ބިލިއަން ރުފިޔާއެއްގެ މުޑުދާރު ވިޔަފާރިއެއް ކަމަށެވެ. އެކަން ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން ހުއްޓުވާފައި އޮތްކަން ފާހަގަކުރައްވާ ފައްޔާޒު ވިދާލުވީ ގާނޫނާ ހިލާފަށް އަލުން އެކަން ހުޅުވާލުމަކީ ގައުމީ ސަލާމަތަށް އަދި ދިވެހި އިގްތިސޯދަށާއި އިޖުތިމާއީ ފޭރާމަށް ހުރި ނުރައްކަލެއް ކަމަށެވެ.

މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އިން ނެރެފައިވާ އިއުލާނެއްގައި މިއަދު ބުނީ 2023 ޑިސެމްބަރު 17ވަނަ ދުވަހުން ފެށިގެން ބަންގްލަދޭޝް އިން ދިވެހިރާއްޖެ އަށް އަންސްކިލްޑް ލޭބަރުން ގެނެވޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފައިވާ ކަމަށެވެ.

ހަމައެޔާއެކު އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލެވިފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. ނަމަވެސް މިއަދުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑްކުރެވިފައިވާ ޑޮކިއުމަންޓްތައް ޕްރޮސެސް ކޮށްދޭނެ ކަމަށް ވެސް ހޯމް ލޭންޑް ސެކިއުރިޓީގެ އިއުލާނުގައިވެއެވެ.

ބަންގްލަދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ ފައްޔާޒު އިކޮނޮމިކް މިނިސްޓަރުގެ ގޮތުގައި ހުންނެވިއިރުއެވެ.

ބަންގްލަދޭޝް ލޭބަރުން ގެނައުން މަނާކުރީ 2019ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެކަން މަނާ ކުރުން އިއުލާނު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ ކޮންމެ ގައުމަކުން ވެސް ރާއްޖެ ގެނެވޭނީ ތަމްރީނު ލިބިފައި ނުވާ 150،000 މަސައްކަތްތެރީން ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އޭރު އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންނާއެކު އެ އަދަދު ހަމަވެފައިވާ ކަމަށެވެ.