އިންޑިއާ ސަރުކާރާއެކު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަދާފައިވާ ހައިޑްރޯގްރަފީ ސާވޭ ކުރުމާއި ގުޅޭ އެއްބަސްވުން އަންނަ ޖޫން މަހުގެ ތެރޭގައި ހަމަވާއިރު، އެ އެއްބަސްވުން އިތުރަށް އައު ނުކުރާން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޓާ ސެކަރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ ރައީސް މުއިއްޒުގެ ހަފްތާ 14ގައި ކުރަން ހުރި ކަންކަމުގެ ތެރޭގައި ފުރަތަމަ ހަތަރު ހަފްތާގައި ވެސް ގިނަ ކަންތައްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ހަތަރު ހަފްތާގައި 17 ކަމެއް ކުރުމަށް ކަނޑައަޅާފައިވާ ކަމަށާއި އެ ހުރިހާ ކަމެއް ވެސް މިހާރު ކޮށް ނިމިފައިވާ ކަމަށް ފިރުޒުލް ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ހަތަރު ހަފްތާގެ ތެރޭގައި ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން އެހެން ގައުމުތަކާއެކު ވެފައިވާ ސިއްރު އެއްބަސްވުންތަކުގައި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ނުރައްކާވާ ގޮތަށް ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތަކީ ވެސް ހިމެނިފައިވާ ކަމެކެވެ.
ފިރުޒުލް ވިދާޅުވީ އަންނަ ޖޫން މަހުގެ ހަތްވަނަ ދުވަހަށް ހަމަވާ އެ އެއްބަސްވުން އިތުރަށް އައު ނުކުރަން ދިވެހި ސަރުކާރުން ނިންމާފައިވާކަން އިންޑިއާ ސަރުކާރަށް އަންގާފައިވާ ކަމަށެވެ.
"މި އެއްބަސްވުމުގައިވާ ގޮތުން މި އެއްބަސްވުން ހަމަވުމުގެ ހަމަސް ދުވަސް ކުރިން އެއްބަސްވުން ކުރިޔަށް ގެންދަން ބޭނުން ނުވާ ކަމަށްވާ ނަމަ މި އެއްބަސްވުމުގައި ހިމެނޭ އަނެއް ފަރާތަށް [އިންޑިއާ] އެކަން އަންގަން ޖެހޭ،" ފިރުޒުލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަން ނާންގާ އޮތް ކަމަށްވާ ނަމަ، އެއްބަސްވުން އޮޓަމެޓިކުން އިތުރު ފަސް އަހަރަށް އައު ވެގެން ދާނެ ކަމަށެވެ.
އެއްބަސްވުން އައު ނުކުރަން ނިންމާފައި ވަނީ ކެބިނެޓުގައި މަޝްވަރާ ކުރެވިގެން ކަމަށާއި އެކަން އެގޮތަށް ކުރީ ރާއްޖޭގެ ކަނޑުފަޅުގެ ސިއްރުތަކަކީ ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިންގެ މިލްކެއްގެ ގޮތުގައި ސަރުކާރުން ދެކޭތީ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.