ރާއްޖޭގައި ރައީސް މުހައްމަދު ނަޝީދު ނެތުމުގެ ސަބަބުން ދަ ޑިމޮކްރަޓްސް އަށް އެކަމުގެ ދަތިތައް އަންނާނެ ކަމަށާއި އެހެންނަމަވެސް ޕާޓީ ހިންގުމުގައި އެމަނިކުފާނުގެ ހިޔާލާއި މަޝްވަރާ އަދިވެސް ހޯއްދަވާނެ ކަމަށް އެޕާޓީގެ ރައީސް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިޔާސީ ކަންކަމުން ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގަތުމަށް ރޭ ވަނީ ނިންމަވައިފައެވެ. ރައީސް ނަޝީދު ރޭ އާއްމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި އެމަނިކުފާނު ވާދަ ނުކުރައްވާނެ ކަމަށެވެ. އެމަނިކުފާނު ވަނީ މަޖިލީހުގައި މިހާރު ތަމްސީލު ކުރައްވާ މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވައިފައެވެ.

ސިޔާސީ ކަންކަމުގައި މަސައްކަތް ކުރެއްވީ ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމެއް ފައްކާ ކުރުމަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލަތަކަކާއި ގުޅިގެން އެޕާޓީން ވަކިވެ އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންނާއެކު ނަޝީދު ވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވަައިފައެވެ. އެޕާޓީގެ ރައީސަކަށް އިންތިހާބު ކުރައްވާފައި ވަނީ ހަސަން ލަތީފެވެ.

"ހަތާވީސް"އާ ވާހަކަދައްކަވަމުން ހަސަން މިއަދު ވިދާޅުވީ ޑިމޮކްރެޓްސް އުފެއްދުމާއި އަދި ޕާޓީގެ އެހެން ހުރިހާ މަސައްކަތްތަކެއް ވެސް ކުރަމުން އައީ މިހާތަނަށް ރައީސް ނަޝީދުގެ ލަފައާ އިރުޝާދުގެ މަތިން ކަމަށެވެ. ކުރިޔަށް އޮތް ތަނުގައި ވެސް އެ ލަފައާ މަޝްވަރާ ހޯއްދަވާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

ދެން އަޅުގަނޑުމެންނަށް ދައްޗެއް އޭގެއިން [ރައީސް ނަޝީދު ރާއްޖޭގައި ނެތުން] މެދުވެރިވާނެ ރައީސް ނަޝީދަށް ރާއްޖޭގައި ހުންނެވޭ ގޮތް މެދުވެރި ނުވީމާ. އެއީ ދެން އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ދަތިކަމަކަށް ވާނެ އަޅުގަނޑުމެންނަށް ކަންކަން ނިންމުމަށް މަސައްކަތް ކުރަމުންދާއިރު
ހަސަން ލަތީފް

ހަސަން ފާހަގަކުރެއްވި ގޮތުގައި ޑިމޮކްރެޓްސްގައި މިހާރު ތިއްބެވި ގިނަ ބޭފުޅުންނަކީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ދަރިވަރުވެފައި ތިބި ބޭފުޅުންތަކެއް ކަމަށެވެ. އެހެންކަމުން ނަޝީދު އެ ކުރެއްވި މަސައްކަތް މިއަދު އެޕާޓީގައި ތިއްބެވި އެހެން ބޭފުޅުން ވެސް ކުރައްވާނެ ކަމަށާއި އެކަމަކު އެމަނިކުފާނު އެކުރެއްވި ސްޕީޑުގައި އެކަން ނުވެދާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ބަޔާނުގަައި ސިޔާސީ ކަންކަމުގެ ތެރެއިން ހިތާމައާ އަނިޔާވެެރިކަން އިންތިހާ އަށް ލިބިވަޑައިގެންނެވިކަން ފާހަގަކުރެއްވިއެވެ. ސިޔާސީ ކަންކަމުގައި އެތައް ފަހަރަކު ޖަލުގެ އަނިޔާ ތަހައްމަލުކޮށް ބަންދުގެ އަނިޔާވެސް ތަހައްމަލު ކުރަން ޖެހުނު ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އާއިލާއާ ދުރުގައި އުޅެންޖެހި މުޅި ޒާތީ ހަޔާތް ބަރުބާދުވެފައެވެ،" ރައީސް ނަޝީދުގެ ބަޔާނުގައި ވިދާޅުވިއެވެ.

އެހެންނަމަވެސް ސިޔާސީ މަސައްކަތުގައި އެތައް ހިތްހަމަ ޖެހުންތަކެއް ލިބުނު ކަމަށާއި އެގޮތުން އެމަނިކުފާނުގެ ބޮލުގައި އެޅުނު ކޮންމެ މަޅިއެއް މާފައްޗަކަށް ބަދަލުވިކަން ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ރައީސްކަމާއި ރައްޔިތުން މަޖިލީހުގެ ރައީސްކަމުގައި ހުންނަވައިގެން ވީ މިންވަރަކުން ރައްޔިތުންނަަށް ހިދުމަތް ކުރައްވާފައިވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.