ދައުރުގެ މެދު ތެރެއިން ސިޓީއެއްގެ ދަރަޖަ ދީފައިވާ ތިނަދޫ ކައުންސިލަކީ ސިޓީ ކައުންސިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިއަދު ނިންމައިފިއެވެ.
ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެއާއެކު ތިނަދޫ ވެގެން ގޮސްފައި ވަނީ ރާއްޖޭގެ ފަސްވަނަ ސިޓީގެ ގޮތުގައެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން ތިނަދޫ ސިޓިއަކަށް ބަދަލުކުރުމާއި ގުޅިގެން، ސިޓީ ކައުންސިލަކަށް ލިބިދޭ އެންމެހާ ބާރުތަކާއި މަސްއޫލިއްޔަތުތައް އެ ކައުންސިލަށް ލިބިގެންވާކަމާއި، އަދި ސިޓިއަކުން ލިބިދޭންޖެހޭ ކަމަށް އެ ގާނޫނުގައި ބަޔާންކުރާ އެންމެހައި ހިދުމަތްތައް ދޭންޖެހޭ ކަމަށް ބަޔާންވެގެން ވާއިރު އެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ބަޔާންކޮށް ތިނަދޫ ކައުންސިލުން މަޖިލީހަށް ސިޓީއެއް ފޮނުވިއެވެ.
މަޖިލީހުގެ ކޮމެޓީން އެ މައްސަލަ ދިރާސާކުރިއިރު ކައުންސިލް މިނިސްޓަރު އާދަމް ޝަރީފާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ އަދި ތިނަދޫ ކައުންސިލްގެ ބޭފުޅުން ހާޒިރު ކުރެއްވިއެވެ. ބައެއް ބައްދަލުވުންތަކުގައި މިނިސްޓަރު އާދަމް ޝަރީފް ވަނީ ކުރީ ސަރުކާރުން ނިންމި ނިންމުމެއް ނަމަވެސް އެކަން ބޮލާލާ މި ސަރުކާރުން ނުޖަހާނެ ކަމަށާއި އެކަމެއް ނިންމާފައިވާ ގޮތަކަށް ކުރިޔަށް ދާނެ ކަމަށް ވިދާޅުވެފައެވެ.
ތިނަދޫ ކައުންސިލްގެ ފަރާތުން ވަނީ ބައެއް އިދާރާތަކުން އެ ކައުންސިލަށް ތިނަދޫ ސިޓީގެ ގޮތުގައި މުހާތަބު ކުރާއިރު އަނެއްބައި އިދާރާތަކުން ތިނަދޫ ކައުންސިލްގެ ގޮތުގައި މުހާތަބު ކުރަމުން އަންނަކަން ފާހަގަކޮށްފައެވެ.
އެ މައްސަލަ ދިރާސާކޮށް ކޮމެޓީން ނިންމީ ތިނަދޫ އަކީ މިހާރު ސިޓީއެއްގެ ދަރަޖަ ދީފައިވާ ރަށެއް ކަމަށެވެ. އަދި އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް އޮތީ ނިންމައިފައެވެ.