ސަރުކާރު ޖަވާބުދާރީކުރުވުމަށް ކުރިއަށް އޮތް މާލެ ސިޓީ ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވުން މުހިއްމު ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިރޭ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ދޮގު ވައުދުތަކެއް ވެގެން ކަމަށާއި ރާއްޖޭގައި އިންޑީއާގެ އެތައް ހާސް ސިފައިން ތިބި ކަމަށް ބުނެ ދޮގު ހެދި ކަމަށާއި ޗާގޯސް ހޯދާނެ ކަމަށް ބުނެ ވައުދުވީ ކަމަށެވެ. ނަމަވެސް އެއީ ދޮގުކަން މިއަދު ރައްޔިތުންނަށް އެނގިހާމަވެގެންދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކޮންމެހެން މުހިއްމު މި އިންތިހާބުގައި އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮވުން. އެއީ އަޅުގަނޑުމެންގެ މުޅި ދިވެހިރާއްޖޭގެ މުސްތަގުބަލު ޑިމޮކްރަޓިކް ވެއްޓެއްގައި އަނިޔާވެރިކަމުން ދުރުކޮށް ހިފެހެއްޓުމަށްޓަކާ އަނެއްކާވެސް އަޅުގަނޑުމެންނަށް އެޅޭނެ ފުރަތަމަ ފިޔަވަޅު،" ފައްޔާޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީއަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވީ ނާކާމިޔާބީއަކަށްފަހު، ކުރިމަތިމި ވަނީ މުހިއްމު އިންތިހާބެއް ކަމަށެވެ. މާލެއަށް ދާއިމީ ހައްލެއް ލިބޭނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހައްލެއް ލިބިގެން ކަމަށާއި އެއީ މަޖުބޫރުވެގެން މާލެ އަންނަން ނުޖެހޭނެ ގޮތަށް ކަންކަން ބައްޓަންކުރެންޖެހޭ ކަމަށެވެ.

މާލެއަށް ދާއިމީ ހައްލެއް ލިބޭނީ މުޅި ރާއްޖެ ތަރައްގީ ވެގެން ކަމަށާއި އެ ބޭނުމުގައި ރައީސް ސާލިހުގެ ސަރުކާރުގައި ރާއްޖޭގެ ހުރިހާ ރަށްރަށުގައި އަސާސީ ހިދުމަތްތައް ތަރައްގީ ކުރެއްވި ކަމަށެވެ.

ފައްޔާޒުގެ ވާހަކަފުޅުގައި މި ސަރުކާރުން އަލަށް އުފެއްދެވި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ގުޅޭ މިނިސްޓްރީއަށް ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވިއެވެ. އޭނާ ވިދާޅުވީ އެއީ ރައީސް މައުމޫންގެ ސަރުކާރުން އުފެއްދެވި ކަހަލަ "އެޓޯލްސް މިނިސްޓްރީ"އެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިއަދު ގޮވާލަން، އެޓޯލްސް މިނިސްޓްރީއެއް ހެދުމުގެ ނަމުގައި އެ ކުރާ ކަންތައް ވަރަށް ގާތުން ބައްލަވައްޗޭ. އެ މިނިސްޓްރީގެ މެންޑޭޓުގައި އޮތީ ކޯއްޗެއްތޯ ޖަހާފަ، ކައުންސިލްތަކުގެ ބާރު ނެގޭނެ އެއްވެސް އަކުރެއް ފިއްޔެއް ގާނޫނު އެކި ގޮތްގޮތަށް މާނަކޮށްގެން ވެސް އެކަން ނުވާނެ ގޮތަށް ތިބޭފުޅުންގެ ކަންކަން ނިންމަވާދެއްވައްޗޭ،"

ކުރިއަށް އޮތް މާލެ ސިޓީގެ ބައި-އިލެކްޝަންގައި މާލެ ސިޓީގެ މޭޔަރުގެ މަގާމަށާއި ތިން ދާއިރާއަކުން ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.

އެމްޑީޕީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަ ކުރައްވަނީ އާދަމް ޢާޒިމެވެ. އަދި މެދު ހެންވޭރު ދާއިރާއަށް އެމްޑީޕީން ވާދަ ކުރައްވަނީ ހ. ވޭމައުތު، އަޙްމަދު ރިޝްވާން ރަޝީދުއެވެ. މީގެ އިތުރުން ހެންވޭރު ދެކުނު ދާއިރާއަށް އެ ޕާޓީން ވާދަ ކުރައްވާނީ ހ. ތަރަބޫޒުގެ ޙައްވާ ނިޙްލާއެވެ. މާފަންނު ދެކުނު ދާއިރާއަށް އެމްޑިޕީން ވާދަ ކުރައްވާނީ މ. ފަޅުމަތީގެ އަޙްމަދު ޢިމްރާނެވެ.

މާލެ ސިޓީ ކައުންސިލް ބައި-އިލެކްޝަން ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.