ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލު ކުރުމަށް ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ނިންމާފައިވީ ނަމަވެސް އެއީ މިވަގުތަށް އޮތް ހައްލެއް ނޫން ކަމަށާއި މާލޭގެ ރައްޔިތުން އިތުރު އަހަރުތަކަކަށް ގަނަނުތެޅުވުމަށް އެމްޑީޕީގެ ޓިކެޓުގައި ކުރިޔަށް އޮތް މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ އާދަމް އާޒިމް ގޮވާލައްވައިފިއެވެ.
ހުސްވެފައިވާ މާލެ ސިޓީ ކައުންސިލްގެ މަގާމުތަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމަށް ސޯސަން ޖަގަހާގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުން ދިރިއުޅެމުން ދަނީ ވަރަށް ނިކަމެތި ހާލުގައި ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގި ބިންވެރިޔާ މަޝްރޫއުގެ ސަބަބުން އެރައްޔިތުންނަށް އުއްމީދެއް ލިބިފައިވާ ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.
"ފުށިދިއްގަރު ފަޅަކީ މިވަގުތަށް އޮޕްޝަނެއް ނޫނޭ. މިވަގުތު އަޅުގަނޑުމެން ކަންތައް ކުރަންވީ ގޮތަކީ ހިއްކާފައި ހުރި ބިންތަކުގައި ފެނާއި ނަރުދަމާ އާއި ކަރަންޓާއި މަގުތަކާއި ހޮސްޕިޓަލާއި މިސްކިތާއި ސްކޫލާއި އަޅާފައި އެތަނަށް މީހުންނަށް ދެވޭނެ ގޮތް ހަދައިދޭންވީ،" ރައީސް ސޯލިހުގެ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި އާޒިމް ވިދާޅުވިއެވެ.
އާޒިމް ފާހަގަކުރެއްވި ގޮތުގައި ފުށިދިއްގަރު ފަޅު ތަރައްގީ ކޮށްގެން އަނެއްކާ ވެސް މާލޭގެ ރައްޔިތުން އިތުރު 30 އަހަރު ގަނަތެޅެން ޖެހޭނެ ކަމަށެވެ. އެއީ އެއްވެސް ވަރަކަށް ހަމަޖެހޭ ސިޔާސަތެއް ނޫން ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ. އެރަށް ހިއްކައިގެން އެރަށުގައި ރައްޔިތުން އާބާދު ކުރުމުގެ ވިސްނުން މި ސަރުކާރުން ގެންގުޅޭއިރު އެތަނަށް ދަތުރު ކޮށްފައި ދާން ޖެހޭނީ ރާއްޖޭގެ އެންމެ ގަދަ އެއް ކަނޑު ކަމަށްވާ ވާދޫ ކަނޑު ހުރަސް ކޮށްފައި ކަމަށާއި މޫސުން ގޯސް ދުވަސްވަރެއްގައި އެރަށަށް ދިއުމަކީ ދަތި އުނދަގޫ ކަމަކަށް ވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
"އަދި މިއުޅެނީ މާލެއާ ގުޅިފައި އޮތް ތަނެއް ހުޅުމާލޭ... އެތަނުގައި ގާއިމްކުރަން ޖެހޭ އަސާސީ ހިދުމަތްތައް މުޅިން ނިންމާ ނުލެވިގެން. ކަރަންޓު ނެތް ތަންތަން ބައިވަރު މަގުތައް ނެތް ތަންތަން ބައިވަރު،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވަނީ އެ ހުރިހާ ކަމެއް އެހެން އޮއްވާ އަނެއްކާ އިތުރު ތަނެއް ހިއްކުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކުރައްވައިފައެވެ. އެކަމަކީ ރައްޔިތުން އެތައް މިލިއަން ފައިސާއެއް އިސްރާފު ވެގެން ދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.