އައިޖީއެމްޗްގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފުގެ މައްސަލަތައް ކުރިޔަށް ގެންދިއުމަށް ލަމްހާ އަށް ވަކީލަކު ހޯދުމަށް އެއް ދުވަހުގެ މުއްދަތު ހައިކޯޓު ދީފިއެވެ.

ކްރިމިނަލް ކޯޓުން މިދިޔަ މަހު ލަމްހާ ބަންދުން ދޫކޮށްލީ ޝަރުތުތަކާ އެކު، ތިން މަސް ދުވަހަަށެވެ. ލަމްހާ ބަންދުން ދޫކޮށްލީ ރޭގަނޑު 10 އިން ހެނދުނު 6 އާ ދެމެދު ގެއިން ބޭރުގައި އުޅުން މަނާކޮށް އަދި މާލެއިން ބޭރަށްދާ ނަމަ ކޯޓު ހުއްދަ ހޯދަން ޝަރުތުކޮށްފަ އެވެ.

ލަމްހާ ދޫކޮށްލި މައްސަލަ ޕީޖީ އޮފީހުން ހައި ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ލަމްހާ ވަނީ އޭނާ އަށް ވަކީލަކު ހޯދުމަށް ތިން ދުވަހުގެ މުއްދަތެއް ދިނުމަށް އެދިފައެވެ. ނަމަވެސް މައްސަލަ ހުށަހެޅުމާއެކު ލަމްހާ އަށް އެ ފުރުސަތު ދީފައިވާކަން ފަނޑިޔާރުންގެ ބެންޗުން ފާހަގަކުރިއެވެ. އެހެންކަމުން ފަނޑިޔާރުން ނިންމީ އެއް ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

ދައުލަތުން ތުހުމަތުކުރާ ގޮތުގައި މޭރީ މަރާލުމުގައި މޭރީގެ ފިރިމީހާ މާވިން އަށް ލަމްހާ އެހީތެރިވެފައިވެ އެވެ. އަދި މޭރީ މަރާލި ވަގުތު ލަމްހާ އެ ގެޔަށް ދިޔަ ކަމަށާއި މޭރީ މަރުވީ ދަންޖެހިގެން ކަމަށް ދައްކަން ސީންއެއް ހެދި ކަމަށް ވެސް ތުހުމަތުކުރެ އެވެ. މޭރީގެ މަރަށް ފަހު ހެދި ޓެސްޓުތަކުން، ބާރުގަދަ އިންޖެކްޝަންތަކެއްގެ އަސަރު ލެއިން ފެނިފައި ވާއިރު އޭގެ އިންޖެކްޝަންތަކެއް ލަމްހާގެ ގެއިން ފެނުނު ކަމަށް ވެސް ބުނެފައިވެ އެވެ. މި ތުހުމަތުތަކާ ގުޅޭ ތިން ދައުވާއެއް ލަމްހާއަށް ކުރެ އެވެ.

މާވިން އަށް މި މައްސަލާގައ މާވިން ވެސް ބަންދުން ދޫކޮށްދޭން އެދުނެވެ. އެކަމަކު ކޯޓުން ނިންމީ ބަންދު ދެމެހެއްޓުމަށެވެ