ދިވެހި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޤާއިމުކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި ކުރިއަށްދާ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި މިއަދު ޤައުމީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވަނީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރު މިހާރު ހުރީ 4 އިންސައްތާގައި ކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ މަދުވެގެން 600 މިލިއަން ޑޮލަރު އެކަމަށް ހޯދުން ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ހާސިލް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ދުނިޔޭގެ ގައުމުތަކުގެ ވެރިންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ގައުމުތަކުން އަޅާ ފިޔަވަޅުތައް ވަޒަންކުރާ "ގްލޯބަލް ސްޓޮކްޓޭކް" އިން، ޕެރިސް އެއްބަސްވުމާ އެއްގޮތަށް، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް އަމާޒު ހިފަންޖެހޭ ކަމަށާއި، އެއީ ކޮޕް28އަށް ރާއްޖެއިން ކުރާ އުންމީދު ކަމުގައި ވިދާޅުވެފައެވެ. މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ފައިސާ ހޯދުމަށް ކުރިމަތިވާ އުނދަގޫތައް ހައްލު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، އެ މަސައްކަތް ބިނާވާންޖެހޭނީ ގައުމުތަކުގެ މެދުގައި ހަމަހަމަ، އަދި ލިބެންހުރި އެންމެ ރަނގަޅު ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ފަސޭހައިން ފައިސާ ހޯދޭނެ ނިޒާމެއް ގާއިމްވާން ޖެހޭ ކަމަށާއި، ފައިސާ ދިނުމުގައި ބަލާ މިންގަނޑުތައްވެސް އަލުން މުރާޖާ ކުރަން ޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވާ، 'ލޮސް އެންޑް ޑެމޭޖް ފަންޑު' ބޭނުންކުރަން ފެށުމަށް، އިއްޔެ ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ.