ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގައި ބޭނުންކުރާ އެއިރޮނޯޓިކަލް މެސެޖް ހެންޑްލިންގް ސިސްޓަމް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ނިންމާ ހިދުމަތްދޭން ފަށައިފިއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ބުނީ މިއަހަރު ކުރީކޮޅުގައި ފެށުނު އެ މަޝްރޫއުގެ މަސައްކަތް ނިމުމާއިއެކު ވީއައިއޭގައި މިހާރު ގާއިމް ކުރެވިފައިވަނީ މީގެ އެންމެ ފަހުގެ ސިސްޓަމް ކަމަށެވެ.
އެ ސިސްޓަމަކީ ބައިނަލްއަގުވާމީ އެއާ ނެވިގޭޝަން ހިދުމަތްދޭ ފަރާތްތަކާއި، އެއާލައިން އޮޕަރޭޓަރުންނާއި، އަދި ފްލައިޓް ކުރޫންނާއި ދެމެދު ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ރައްކާތެރި ކަމަށް ބޭނުންވާ މައުލޫމާތު ހިއްސާ ކުރުމަށް ބޭނުންކުރާ ހާއްސަ ޕްލެޓްފޯމެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
މައިގަނޑު ގޮތެއްގައި އެ ޕްލެޓްފޯމްގައި ރައްކާތެރިކަމާއި އެކު ހިއްސާ ކުރެވޭ މުހިއްމު މައުލޫމާތުތަކުގެ ތެރޭގައި ފްލައިޓް ޕްލޭނާއި، ނޯޓޭމާއި، މޫސުމާއި ބެހޭ މައުލޫމާތާއި ވައިގެ ދަތުރު ފަތުރު ގެ ސަލާމަތާއި ރައްކާތެރި ކަމަށް ބޭނުންވާ އެހެނިހެން މައުލޫމާތު ހިމެނެއެވެ. ދަތުރުތަކަށް ބޭނުންވާ މައުލޫމާތު ޕައިލެޓުންނަށް ފަސޭހައިން ފޯރުކޮށް ދިނުމާއި، މޫސުމާ ބެހޭ މައުލޫމާތު ހިމެނެއެވެ.
އެ ޕްލެޓްފޯމް ގާއިމުވެގެން ދިއުމާއިއެކު މިހާރު މެނުއަލްކޮށް ކުރެވޭ ވަކިވަކި މަސައްކަތްތައް ސިސްޓަމް ތެރެއިން އޮޓޮމޭޓްވެ، އިންޓަނެޓް މެދުވެރިކޮށް އެއާލައިންތަކުން ފޮނުވާ ފްލްއިޓް ޕްލޭން އެޕްރޫވްކޮށް ފައިލް ކުރުމުގެ މަސައްކަތް ފަސޭހަކަމާއި ކަމާއިއެކު ކުރެވޭނެ ކަމަށްވެއެވެ.
އެ ސިސްޓަމަކީ ދުނިޔޭގެ އެކި ގައުމުތަކަށް އޭވިއޭޝަން ސިސްޓަމްސް އަދި ސޮފްޓްވެއާގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ އިޓަލީގެ ކުންފުންޏެއް ކަމައްވާ އައިޑީއެސް އެއާނެވް އާއި ހަވާލުކުރެވިގެން ކުރިއަށްގެންދެވުނު ބައި މިލިއަން ޑޮލަރުގެ އަގުބޮޑު މަޝްރޫއުއެކެވެ. އައިޑީއެސް އެއާނެވް އިން ވަނީ، އެ ސިސްޓަމް ވީއައިއޭގައި ގާއިމުކުރުމުގެ އިތުރުން އެއިރޮނޯޓިކަލް އިންފޮމޭޝަން ސިސްޓަމެޓިކްކޮށް މެޏޭޖްކުރަން ބޭނުންވާނެ ޕްލޭނެއް ރާވާ އެކުލަވާލުމަށް އެހީތެރިވެދީފައެވެ. އަދި މި ސިސްޓަމް ބޭނުންކުރާނެ ގޮތުގެ ހާއްސަ ތަމްރީންވެސް ވަނީ ކަމާއި ބެހޭ މުވައްޒަފުންނަށް ފޯރުކޮށްދީފައެވެ.
އެމްއޭސީއެލް އިން ބުނީ އެއީ ވީއައިއޭ އިން ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް ހުރިހާ ހިދުމަތެއްގައި އެންމެ މަތީ ފެންވަރުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެކެއް ކަމަށެވެ.
އެ ހިދުމަތް ފޯރުކޮށްދެމުން ދާނީ މިހާރުވެސް ރާއްޖޭގެ ވައިގެ ސަރަހައްދުގައި އެއާ ނެވިގޭޝަންގެ ހިދުމަތް ދެމުންގެންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ސަބްސިޑަރީއެއް ކަމަށްވާ މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސަސް (އެމްނެޓްސް) އިންނެވެ.