އަންނަ މަހު ފާހަގަކުރާ މަސްވެރިންގެ ދުވަހު، ޒުވާން އަދި ތަޖުރިބާކާރު ކެޔޮޅުން ހޮވާ، ހާއްސަ އެވޯޑެއް ދިނުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ 2023ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަފްލާގައި މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ، އެންމެ ހިދުމަތްތެރި ޒުވާން (35 އަހަރުން ދަށް) ކެޔޮޅަކާއި އެންމެ ތަޖުރިބާކާރު (35 އަހަރުން މަތި) ކެޔޮޅު ހޮވައި، އެ ދެފަރާތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެވޯޑެއް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން، އެ ދެ އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ، އަދި ޝަރުތު ފުރިހަމަވާ ފަރާތްތައް އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މިމަހުގެ 30ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
ކެޔޮޅުންގެ އެވޯޑަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމު ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ ދެއެވޯޑަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި އެވޯޑަށް އެދި ހުށަހަޅާ ފޯމް އެ މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުމަށް ވެސް ފިޝަރީޒް މިނިސްޓްރީން އެދެއެވެ.