އާ ސަރުކާރުގެ ދުވެލި ހުންނާނީ "މުއިއްޒު ދުވެލީގައި" ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ހަލީލު ވިދާޅުވެއްޖެއެވެ.

ހަލީލު އެހެން ވިދާޅުވީ ރައީސް ޑރ. މުއިއްޒު އުފެއްދެވި "ވިޒިޓާ އެކޮނަމިކް ކައުންސިލް"ގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ނޫސްވެރިންނާ ބައްދަލުކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހަލީލު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ތަފާތުވާނެ ކަމަށާއި ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުންނާ ވެސް ރައީސް މުއިއްޒު ތަފާތުވާނެ ކަމަށެވެ.

"އަޅުގަނޑުމެން 17 ނޮވެންބަރުގައި މި ފެށި ދަތުރުގެ ދުވެލި ހުންނާނީ މުއިއްޒު ދުވެލީގައި. މުއިއްޒު ދުވެލީގައި އަޅުގަނޑުމެން ދާނީ ހުކުރެއް ހޮނިހިރެއް ބަންދެއް ނެތި، ވަޒީރުންނާއި އެމްޑީންނާއި ޗެއާމަނުންނާއި އައްޔަން ކުރެއްވި ހުރިހާ ބޭފުޅުން މަސައްކަތް ކުރައްވާނެ،" ހަލީލު ވިދާޅުވިއެވެ.

ސަރުކާރުގެ ސްޕީޑު "މުއިއްޒު ދުވެލީގައި" ހުންނާނެ ކަމަށް އިޝާރާތް އެ ކުރެއްވީ ބާރު މިނުގައި އަވަހަށް ކަންކަން ކުރިއަށްދާނެ ކަމަށް ބައްލަވާފައެވެ.

ނިމިދިޔަ ރައީސް ސާލިހުގެ ސަރުކާރުގެ މަސައްކަތުގެ ދުވެލި މަޑުޖެހިފައިވާ ކަމަށް ބުނެ، އޭރުގެ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އޭރުގެ ސަރުކާރަށް ފާޑުކިޔުން އާމާޒު ކުރެއްވި އެއް ބޭފުޅަކީ މިހާރުގެ ރައީސް ޑރ. މުއިއްޒެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ހަލުވި ދުވެލީގައި ތަރައްގީގެ މަޝްރޫއުތައް ހިންގަވާނެ ކަމަށް ވައުދުވެވަޑައިގަންނަވަމުންނެވެ.