ރާއްޖޭގެ މަސްލަހަތަށްޓަކައި ވާހަކަ ނުދައްކާނެ އެއްވެސް ގައުމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ މާފަންނުގައި މީގެ ޒަމާންތަކެއް ކުރިން ހުރި ގަޑި ބުރާއި އެއްގޮތަށް ޒަމާނީ ބަދަލުތަކަކާއެކު އައު ގަޑިބުރެއް ގާއިމްކޮށް އެތަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އިއްޔެ އެމަނިކުފާނު ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވުމަށް ދައުވަތު ދެއްވައިގެން ރާއްޖެ އިން ބޭރުގެ އިއްޒަތްތެރިން ވަޑައިގެންނެވި ކަމަށެވެ. އަދި މިއަދަކީ ރަސްމީ ބަންދު ދުވަހެއް ނަމަވެސް ހެނދުނު އޮފީހަށް ވަޑައިގެން ބައެއް ގައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އެ ހުރިހާ ފަރާތްތަކަކުން ވެސް ރައީސަށް ދެއްވި ޔަގީންކަމަކީ އެގައުމުތައް އޮތީ ރައީސް މުއިއްޒުގެ ސަރުކާރާއެކު، ދިވެހި ރައްޔިތުންގެ ހައްގުގައި ކުރިޔަށް ދިއުމަށް ތައްޔާރަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން އެގައުމުތަކުގެ ފަރާތުން ރާއްޖެ އަށް އެހީތެރިކަން ލިބިގެން ދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު އޮންނާނީ ގުޅިގެން އެކުވެރިކަމާއެކީގައި އެކުއެކީގައި ކުރިޔަށް ދިއުމުގެ މަޝްވަރާ ކޮށްގެން ކުރިޔަށް ދިއުމުގެ ސަގާފަތް. އެހެންވީމަ އަޅުގަނޑުމެންނަށް ވާހަކަ ނުދެއްކޭނެ ފަރާތެއް ނޯންނާނެ. ދިވެހިރާއްޖޭގެ މަސްލަހަތަށްޓަކައި ވާހަކަ ނުދައްކާނެ އެއްވެސް ފަރާތެއް ނޯންނާނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ގައުމު ތަރައްގީ ކުރުމަށް އެކިއެކި ފަރާތްތަކާއެކު މަޝްވަރާ ކުރަމުން ގެންދާނީ ވެސް އެ ވިސްނުމުގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވާއިރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް އެދިވަޑައިގަތީ އިންޑިއާގެ މިނިސްޓަރު އޮފް އާތު ސައިންސެސް، ހިޒް އެކްސެލެންސީ މިސްޓާ ކިރެން ރިޖިޖޫ އާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.