މި ސަރުކާރު ވެރިކަމަށް އައުމަށް ދެއްކި އެންމެ ބޮޑު ހުވަފެނަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުން ގެއްލުނު ފައިސާ ހޯދުމާއި އެކަމުގައި ބައިވެރިވި އެންމެންނަށް އަދަބު ދިނުމެވެ. ނަމަވެސް ވެރިކަމުގެ އެންމެ ފަހު ހަފުތާގައި ފެނިގެން ދިޔައީ ދިމާ އިދިކޮޅަށެވެ.
ރާއްޖޭގެ ފަހުގެ ތާރީހުގައި ހިނގި އެންމެ ބޮޑު އެ ހިޔާނާތުގައި އިސްކޮށް ބައިވެރިވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތަށް މައާފް ދީ މިނިވަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ އެވެ. މިކަން ވެގެން ދިޔައީ ގިނަ ބަޔަކަށްވީ ހައިރާން ކުރުވަނި އަދި ގަބޫލުކުރަން ދަތި ކަމަކަށެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައި އަދީބަށް ކުރިން ކުރި ހުކުމްތައް ބާތިލް ކުރުމުން އޭނާގެ މައްޗަށް އިތުރު 20 އަހަރުގެ ޖަލު ހުކުމެއް އިއްވީ މި ސަރުކާރުގައި 2020 ވަނަ އަހަރު އެވެ. އަދި ޒިޔަތުގެ މައްޗަށް ކުރިން އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް އޮއްވާ އިތުރު 12 އަހަރުގެ ޖަލު ހުކުމެއް އިއްވިތާ ދެ މަސް ވެސް އަދި ނުވެ އެވެ. އެ ބޭފުޅުން ޖަލުގައި ދުވަސްތަކެއް ހޭދަކުރި ނަމަވެސް ދައުލަތުން ގެއްލުނު 1.2 ބިލިއަން ރުފިޔާގެ ތެރެއިން އެއްވެސް މިންވަރެއް މިހާތަނަށް ހޯދިފައެއް ނެތެވެ.
އަދީބާއި ޒިޔަތަށް މި ސަރުކާރު އައުމަށްފަހު ގޭ ބަންދުގައި ތިބެގެން ހުކުމް ތަންފީޒު ކުރުމުގެ ފުރުސަތު ސަރުކާރުން ދިނުމުން ވެސް ގިނަ ބަޔަކު ފާޑު ކިޔަމުންދިޔަ އެވެ. ނަމަވެސް އެވަރުގެ ބޮޑު ހިޔާނާތެއްގައި ބައިވެރިންނަށް ރައީސް މައާފް ދެއްވަފާނެ ކަމަކަށް އެކަކު ވެސް ކުރިއަކުން ހިއެއް ނުކުރެ އެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމް އިއްވުމަކުން އިންސާފު ގާއިމެއް ނުކުރެ އެވެ. އެ ހިޔާނާތުގެ ފައިސާ ބޭނުންކުރި ދެން ތިބި މީހުން ތިބި ގޮތަށް ތިބިއިރު ގެއްލުނު ފައިސާތައް ނުހޯދެނީސް އަދީބާއި ޒިޔަތު މިނިވަން ކުރުމަކީ ސަރުކާރުން ވެފައި އޮތް ވައުދާ ހިލާފްވުމުގެ އިތުރުން އެކަމަށް ދިން ހިތްވަރެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިފަދަ ބޮޑު ހިޔާނާތަކަށް ރައީސް މައާފެއް ދެއްވި ފުރަތަމަ ފަހަރެވެ. މިގޮތަށް މައާފްދޭނަމަ ބޮޑެތި ކުށްވެރިންނަށް މައާފް ނުދޭނެ ކަމުގެ ޔަގީންކަމެއް ވެސް ނެތެވެ. ސަރުކާރަށް ތާއީދުކުރި ފަރާތްތަކުން ވެސް ރައީސްގެ އެ ނިންމެވުން ގަބޫލެއް ނުކުރެ އެވެ.
އެއް ބަޔަކު ދެކޭ ގޮތުގައި މިއީ ކޮރަޕްޝަނާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ގެންނާނެ ކަމަށް ވައުދުވި ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތްކަމުގެ ހެއްކެކެވެ. އެންމެ ބޮޑު ކޮރަޕްޝަންގެ ބައިވެރިންނަށް މައާފް ދިނުމަކީ ސަރުކާރުތަކުގެ ތެރޭގައި ހިންގާ ކޮރަޕްޝަންތަކަށް ދެވޭ ހިތްވަރަކަށް ނޫނީ ނުވާނެ އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރު ނިމެން ހަތަރު ދުވަހަށް ވެފައި ވަނިކޮށް ދިން ލުޔަކީ ރައީސަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށެވެ. މި ފަސް އަހަރު ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް ކުރެވިގެން ދިޔައިރު ފެނިގެން ދިޔައީ ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތައް ހިމާޔަތް ކުރާ މަންޒަރު ކަމަށްވެސް ޓްރާންސްޕޭރަންސީން ބުންޏެވެ.
މައާފް ދިނުމަކީ ގާނޫނީ ގޮތުން ރައީސަށް ލިބިވަޑައިގަންނަވާ އިހްތިޔާރެއް ކަމުގައިވީ ނަމަވެސް އަދީބާއި ޒިޔަތަށް ރައީސް ދެއްވި މައާފް އާންމުންގެ ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ. އެ ދެ ބޭފުޅުންނަށް ރައީސް މައާފް ދެއްވި ނަމަވެސް ރައްޔިތުން އެކަމަށް މައާފެއް ނުކުރާނެ އެވެ.