ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމުން އީވާ ވަކި ކުރުމަށްޓަކައި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަދި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ސޮއި ހަމަކޮށްފިއެވެ.
މީގެކުރިން ވެސް އީވާ ވަކި ކުރުމަށް ސޮއި ހަމަކޮށް މަޖިލީހަށް ހުށަހެޅިއެވެ. އެފަހަރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ވެސް ހުށަހެޅިއެވެ. ނަމަވެސް ދެބޭފުޅުންގެ މައްސަލަ އެއްފަހަރާ ހުށަހަޅާފައި އޮތުމުން އެކަން ކުރިޔަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ރައީސް ތަކުރާރުކޮށް ދިޔައީ ވިދާޅުވަމުންނެވެ. އަދި އޭރު މަޖިލީހުގެ ދާއިމީ ކޮމެޓީތައް ވެސް އެކުލަވާ ނުލާ އޮތުމުން އެކަން ވެސް ހުއްޖަތެއްގެ ގޮތުގައި ނަޝީދު ދިޔައީ ނަގަމުންނެވެ.
އީވާގެ މައްސަލާގައި ގާނޫނު ބުނާ މިންވަރަށް ސޮއި ހަމަވެފައިވާ ކަމަށާއި އިތުރަށް ވެސް މެންބަރުން ސޮއި ކުރައްވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރަކު މިއަދު "ހަތާވީސް" އަށް ވިދާޅުވިއެވެ.
މީގެކުރިން ހުށަހެޅި އިތުބާރު ނެތްކަމުގެ ދެ މައްސަލަ ވެސް އެމްޑީޕީން އަނބުރާ ގެންދިއުމަށްފަހު ނަޝީދުގެ މައްސަލަ ވަކިން ހުށަހެޅިއެވެ. ނަމަވެސް ނަޝީދަށް ދިން ނޯޓިސްގެ މުއްދަތު ހަމަވެ، އެ މައްސަލަ އެތައް ފަހަރެއްގެ މަތިން އެޖެންޑާކުރިއެވެ. އެކަމަކު އެ މައްސަލަ އެޖެންޑާކުރި ދުވަހުން ފެށިގެން މިއަދާއި ހަމައަށް އީވާ ހުންނެވީ އާލާސްކަންފުޅާއެވެ. އެހެންކަމުން އެމްޑީޕީން އެކަމުގައި ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ހުކުމްކުރީ، އީވާ ނެތް ނަމަވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށެވެ. އެއާއެކު މިއަދުގެ ހެނދުނު 9:00 އަށް ޖަލްސާއެއް ބާއްވަން ނިންމާ ނަޝީދުގެ މައްސަލަ އެޖެންޑާކުރިއެވެ.
އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ގަރާރު މަޖިލީހަށް ހުށަހަޅަން ފުރުސަތު ދިނުމުގެ ކުރިން ނަޝީދާއި އީވާ އަދި ހަސަން އަފީފުވެސް އެޕާޓީ އަކަށް މިހާރު ނިސްބަތްވާ ދަ ޑިމޮކްރެޓްސްގެ މެންބަރުން ނިޒާމީ ނުކުތާ ނަންގަވާ އެ މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށާއި އެއީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ހުށަހެޅި ގަރާރެއް ކަމަށް ވިދާޅުވިއެވެ. އެއާއެކު އަފީފް ނިންމެވީ އެއީ ގަވާއިދާ ހިލާފު ގަރާރެއް ކަމަށެވެ. އެގޮތަށް އަފީފް ނިންމެވިއިރު އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މަޖިލީހުގެ އަމީން އާއްމު ލަފާ ދެއްވިއެވެ. ނަމަވެސް އެ ލަފައަކަށް އަފީފް ނުބެއްލެވިއެވެ.
އެއަށްފަހު މަޖިލީހުގެ އިތުރު ޖަލްސާއެއް ބާއްވަން ތާވަލުކުރިއެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލިސް ނާއިބު ރައީސް އީވާއެވެ. އީވާ ނިންމެވީ ހެނދުނު ބޭއްވި ޖަލްސާގައި ނަޝީދު ވަކި ކުރުމަށް ހުށަހަޅާފައިވާ ގަރާރަކީ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށް ވާތީ އެ ގަރާރު އިތުރަށް ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.
ތިޔަފެންނުވަރާ ގުއިވާވެސް ހަމަމިއަދުންމިއދަށް ބޭރުކުރޭ އަވަސް އަވަސް
ޖާނޭ