ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ 4،000 ފްލެޓު، ޝަރުތު ހަމަ ނުވާ ފަރާތްތަކަށް އުސޫލުން ބޭރުން ދީފައިވާ ނަމަ އެކަމެއް ކޮށްފައިވާ ފަރާތްތަކުގެ މައްސަލަތައް ބަލާ ފިޔަވަޅު އަޅާނެ ކަމަށް އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ ރައްޔިތުން އެކަމަކަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް އެފަދަ މުހިއްމު ކަމެއްގައި އުސޫލުން ބޭރުން ފްލެޓުތައް ދީފައިވާ ނަމަ އެއީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްވެސް ރައްޔިތަކަށް ރައީސް ސޯލިހުގެ ސަރުކާރުން ދީފައިވާ އެއްޗެއް އަލުން އަތު ނުލާނެ ކަމަށް އިންތިހާބީ ރައީސް ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށެވެ. އެހެންނަމަވެސް ބޭ އިންސާފުން ކަންކަން ހިނގާފައިވާ ނަމަ އެކަމެއް ބެލިގެން ދާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"ޝަރުތު ހަމަނުވާ މީހުންނަށް ދީފައިވާ ނަމަ، އެހެން ވެސް ކަންތައްތައް ހުރި ކަމަށްވާ ނަމަ، ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ ވާހަކަ ދަންނަވާލަން،" ފިރުޒުލް ވިދާޅުވިއެވެ.

ނާއިންސާފުގެ ކުރިމަތީގައި ނާއިންސާފުން ކަންކަން ކުރިއަށް ދާއިރު އެކަމުގައި އެއްވެސް ފިޔަވަޅެއް ނާޅާ ހުރުމަކީ ވެސް އެންމެ އަދުލުވެރި ގޮތެއް ކަމަށް އިންތިހާބީ ރައީސް ދެކިވަޑައިނުގަންނަވާ ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.

ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން މިހާރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ 4،000 ފްލެޓުގެ ދާއިމީ ލިސްޓާ ގުޅޭ ގޮތުން ލިބިފައިވާ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ އެ ފްލެޓުތައް ހަވާލު ނުކުރުމަށް އޭސީސީން ވެސް ވަނީ އަންގައިފައެވެ.

އޭސީސީން ބުނީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓަށްއެދި ހުށަހެޅި މީހުންގެ ތެރެއިން ފުރަތަމަ ފުލެޓް ލިބޭނެ 4000 މީހުން ކަނޑައަޅައި، ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓު ދިނުމުގެ އުޞޫލާ ޚިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އެ ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ ކަމަށެވެ.

އެ ސްކީމްގެ ދަށުން ދޫކުރާ ފުލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓުތައް ޙަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް، ޕޮއިންޓު ދީފައިވާގޮތާމެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ، އެ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް ހައުސިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އޭސީސީން ބުން