ވިނަރެސް ފްލެޓްތައް ގަންނަން ހުޅުވާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުރިހާ ފްލެޓްތަކެއް ވިކި ހުސްވިއިރު އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ވިނަރެސް ފްލެޓްތަކުގެ ތެރެއިން ބާކީ ހުރި 200 އަށް ވުރެ ގިނަ ފްލެޓް ގަތުމަށް އޮންލައިންކޮށް ހުޅުވާލީ މިއަދު ހެނދުނު އެވެ. ގިނަބަޔަކު ސިފަކުރީ "މުބާރާތެއް ބާއްވާހެން" ވިނަރެސް ފްލެޓްތައް ވިއްކާ ހުސްކޮށްލީ ކަމަށެވެ.

ނަމަވެސް އާބަންކޯގެ ޕޯޓަލް މެދުވެރިކޮށް ފޯމް ފުރުމުގައި އެތައް ފަހަރަކު ޓެކްނިކަލް މައްސަލަތައް ދިމާވެ, ފޯމް ފުރޭ ގޮތެއް ގިނަ ބަޔަކަށް ނުވި އެވެ. ހެނދުނު 10 ޖެހިއިރު ޕޯޓަލް ހުޅުވާލި ވަގުތު ފްލެޓް ގަތުމަށް ފޯމް ފުރަން ފެށި މީހުންނަށް ވެސް އޭގެ ސަބަބުން އެ ފުރުސަތު ގެއްލުނެވެ.

"ފްލެޓްތައް ބަހާ ހުސްކޮށްލީ. 10 ޖެހިއިރު ފުރަން ފެށި ފޯމް އެތައް ފަހަރު ކްރޭޝްވި. ޔުނިޓް ސެލެކްޝަނާ ހަމައަށް ގޮސްފައި ވެސް އެތައް އިރެއްވީއިރު ޔުނިޓްތައް ލޯޑެއް ނުވޭ. އޭރު ބާކީ ހުރީ މަދު ޔުނިޓްތަކެއް." އެކަކު ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.

ފްލެޓް ގަންނަން ޖެހެނީ ސަރުކާރުގެ އީފާސް ޕޯޓަލް މެދުވެރިކޮށް އާބަންކޯ ހައުސިން ޕޯޓަލަށް ވަދެގެންނެވެ. ނަމަވެސް އީފާސް ޕޯޓަލަށް ނުވަދެވިގެން ވެސް އެތައް އިރެއް ގެއްލިގެންދިޔަ އެވެ. އެހެންވުމުން އޮންލައިންކޮށް މިފަދަ މުހިންމު ކަމެއް ކުރާއިރު, ޓެކްނިކަލް ކަންކަމަށް ސަމާލުކަން ދެވިފައިނުވާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

"އީފާސްއަށް ވަދެވެނީ އޯޓީޕީއެއް ފޮނުވީމަ. އޯޓީޕީ ނުލިބިގެން އެތައް އިރެއްވި. މަގުމަތީގައި ތިބެގެން ފޯމް ހުށަހެޅިއިރު ވެސް މާ ރަނގަޅު. ގައިމު އޭރު މިކަހަލަ ކަމެއް ދިމާނުވާނެތާ." އެހެން މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.

އާބަންކޯއިން ބުނީ ގިނަ ބަޔަކު އެއްފަހަރާ ޕޯޓަލަށް ވަނުމުން މައްސަލަތަކެއް ދިމާވި ކަމަށެވެ. އަދި މިއަދު ހުށަހެޅި ފޯމްތައް ރިވިއު ކުރުމަށްފަހު އިތުރު ބަދަލެއް ގެންނަ ނަމަ އެކަން އިއުލާން ކުރާނެ ކަމަށް އާބަންކޯއިން ބުންޏެވެ.