ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑައިގެންނެވި ގޮތާއި ކުރީގެ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ލިބިވަޑައިނުގެން ސަބަބުތައް ހަނދާން އެބަހުރި ކަމަށް ވިދާޅުވެ، ކުރީގެ ނާއިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހްމަދަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް (އަދުރޭ) ރައްދު ދެއްވައިފިއެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ އައްޑޫ ސިޓީ ހުޅުމީދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ފަސް އަހަރު ފަހުން ޕީޕީއެމް/ޕީއެންސީ އަށް ވެރިކަން ލިބުނު ގޮތް ހަނދާން އެބަހުރި ކަމަށެވެ. ނަމަވެސް މި ވެރިކަން ހޯދުމަށް މަސައްކަތް ކުރުމުން އެކަމާއި ދެކޮޅަށް ތެދުވި މީހުން މަތިން ވެސް ހަނދާން އެބަހުރި ކަމަށް އަދުރޭ ވިދާޅުވިއެވެ.

ޖަމީލަށް ފާޑު ވިދާޅުބެ އަދުރޭ ވަނީ އެއް ދުވަހު އެއް ގޮތަށް އަނެއް ދުވަހު އަނެއް ގޮތަކަށް ވާހަކަ ދައްކާ މީހުންނަކީ ކޮން ބައެއްކަން ވެސް އެނގިވަޑައިގަންނަވާ ކަމަށާއި އަދި އެމްޑީޕީގެ ސަރުކާރެއް ގެނައުމަށް ވާގި ދިން މީހުންނަކީ ކޮބައިކަން ވެސް އެނގޭ ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑުމެން ވާހަކަ ދައްކާނީ އެއް ޕޯޑިއަމެއްގައި ތިބެގެން. އެއް ދުވަހު އެއް ޕޯޑިއަމްގައި، އަނެއް ދުވަހު އަނެއް ޕޯޑިއަމުގައި ތިބެގެން އަޅުގަނޑުމެން ސިޔާސީ ވާހަކައެއް ނުދައްކާނަން،" ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމުގައި މިހާރު ހުންނެވި އަދުރޭ ވިދާޅުވިއެވެ.

އަދުރޭގެ ވާހަކަފުޅުގައި 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ކައިރިކޮށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީނާ ދެކޮޅަށް ތެދުވެ ދޮގު ތުހުމަތުތައް ކުރި މީހުންނަކީ ކޮބައިކަން ރައްޔިތުންނަށް އެނގޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިފަދައިން ވިދާޅުވެފައި މިވަނީ ޕީޕީއެމް/ޕީއެންސީ އަށް ލިބުނު ކާމިޔާބީ ދެމެހެއްޓުމަށްޓަކާ އެންމެން އެކުވެރިކަމާއެކު މަސައްކަތް ކުރަންޖެހޭ ކަމަށާއި ހެދޭނެ އެންމެ ބޮޑު ގޯހަކީ ކާމިޔާބީ ލިބުނު ގޮތް ހަނދާން ނައްތައިލުން ކަމަށް ޖަމީލް ދާދިފަހުން ވިދާޅުވެފައި ވަނިކޮށެވެ.