ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން މިހާރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ 4،000 ފްލެޓުގެ ދާއިމީ ލިސްޓު ނެރޭނީ ޕޮއިންޓު އުސޫލުން ފްލެޓު ލިބޭ މީހުން އެނގޭ ގޮތަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން މިފަދައިން ބުނެފައިވާއިރު ފްލެޓުތައް "ބަހާލަން" އުޅޭ ކަމަށް ބުނެ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

އެހެންނަމަވެސް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ފްލެޓަށް ކުރިމަތިލުމަށް ކޮށްފައިވާ އިއުލާނުގައިވެސް ފްލެޓު ދޭނީ ޕޮއިންޓު އުސޫލުން ކަމަށް ބަޔާން ކޮށްފައި ވާނެ ކަމަށެވެ. އެގޮތުން އުސޫލުގެ 5ވަނަ މާއްދާގައި ފްލެޓަށް ޝަރުތު ހަމަވާ ފަރާތްތަކަށް ޕޮއިންޓު ދޭނެ އުސޫލު ވަނީ ބަޔާން ކޮށްފައެވެ.

އަކްރަމް ވިދާޅުވީ މިމަހުގެ ފަސްވަނަ ދުވަހު [އަންނަ ހަފްތާ އާދީއްތަ]ގެ ކުރިން 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާއްމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް އަޅާ ފްލެޓުތަކުގެ ތެރޭގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 500 އެޕާޓްމަންޓާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1500 އެޕާޓްމަންޓު އިމާރާތް ކުރެވިގެން ދާނެއެވެ. އެ މަޝްރޫގެ ކޮންސްޓްރަކްޝަން މަސައްކަތް ހަވާލު ކުރެވިފައި ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑް އާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާއެވެ.

އެ ދެ ކުންފުންޏަކީ ޕްރޮޖެކްޓް މެނޭޖްމަންޓް، ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް މަސައްކަތްކުރުމުގެ ތަޖުރިބާ އިންޑިއާ އަދި ބޭރުގެ އެހެން ގައުމުތަކުގައި ވެސް ލިބިފައިވާ ކުންފުނިތަކެކެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މާލެ ސަރަހައްދުގައި އިތުރު ފްލެޓުތަކެއް އެޅުމަށްއިންޑިޔާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަންލް ލިމިޓެޑް (ކޭޕީއައިއެލް) އާއެކު ވެސް ސޮއި ކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ވެސް 4،000 ފްލެޓު އަޅާނެ ކަމަށްވެއެވެ. އޭގެތެރެއިން 2،000 ފްލެޓު އަޅަނީ ހުޅުމާލޭގައެވެ.