އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާއި ހެދި އެ ގައުމާ އެކު އޮންނަ ސިޔާސީ ގުޅުން ބޮލީވިއާއިން ކަނޑާލައިފިއެވެ.
ބޮލީވިއާގެ ސަރުކާރުން އިޒްރޭލާ އެކު ސިޔާސީ ގުޅުން ކަނޑާފައިވާއިރު ފަލަސްތީނުގެ މިނިވަންކަން ހޯދައިދޭން މަސައްކަތްކުރާ ހަމާސް ޖަމާއަތާއި ދެކޮޅަށް އިޒްރޭލު އަސްކަރިއްޔާ އިން ދެމުންދާ ހަމަލާތައި ދެކޮޅަށް ފާޑުކިޔަމުން ޗިލީ އާއި ކޮލަމްބިއާއިން ވަނީ އެ ގައުމުން އިޒްރޭލުން ކަނޑައަޅުއްވާފައި ތިއްބެވި ސަފީރުން އަނބުރާ ގެންގޮސްފައެވެ.
ބޮލީވިއާގެ ހާރިޖީ ވަޒީރުގެ ނައިބު ފްރެޑީ މަމާނީ މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ، އިސްރާއީލުގެ ދައުލަތާ އެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލަން ބޮލީވިއާ އިން ނިންމީ ގާޒާގައި އިސްރާއީލުން ދެމުން ގެންދާ ހަރުކަށި އަދި ނާތަހުޒީބު އަސްކަރީ ހަމަލާތައް ކުށްވެރި ކުރުމުގެ ގޮތުން ކަމަށެވެ.
އިޒްރޭލުގައި ހުންނަވާ ޗިލީގެ ސަފީރު އަނބުރާ ގައުމަށް ގެނައުމަށް ނިންމީ އިޒްރޭލުން ގާޒާގައި ހިންގާ ބައިނަލްއަގްވާމީ ގާނޫނާ ހިލާފު އަމަލުތައް ބަލައިނުގަނެވޭނެތީ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވެސް ވަނީ އެގައުމުން އިސްރާއީލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަނބުރާ ގައުމަށް ގެންނަން ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ.
"އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން މެރުން ހުއްޓާނުލައިފިނަމަ އަހަރުމެންނަށް އެތަނުގައި ނުތިބެވޭނެ،" އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވިއެވެ. ބޮލީވިއާ، ޗިލީ އަދި ކޮލަމްބިއާގައި ވެސް އޮތީ ވާތުފިޔައިގެ ސަރުކާރުތަކެވެ.
ބޮލީވިއާގެ ރައީސްގެ ވަޒީރު މާރިއާ ނެލާ ޕްރާޑާ ވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގާޒާގައި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
އެކަމަނާ ވަނީ އިސްރާއީލުން ގާޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ.
ޗިލީން ވެސް ވަނީ "ހަނގުރާމަތައް ވަގުތުން ހުއްޓާލުމަށް" ގޮވާލައިފައެވެ.
ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ހަނގުރާމައިގައި ފަލަސްތީނުގެ 8،500 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށެވެ.
ބޮލިވިއާއިން، މީގެ ކުރިން 2009 ވަނަ އަހަރުވެސް އިޒްރޭލާ އެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލިއެވެ. ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމުކުރީ 2020 ވަނަ އަހަރުއެވެ.