އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި ނިޔާވި ފަލަސްތީނު ރައްޔިތުންގެ އަދަދު 8،000 އަށް އަރާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ގާޒާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ "އަލްޖަޒީރާ" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހަމާސް އާއި އިޒްރޭލުގެ ހަމަނުޖެހުންތަކުގައި ނިޔާވި ފަލަސްތީނު ރައްޔިތުންގެ އަދަދު 8،000 އަށްވުރެ ގިނަ ކަމަށެވެ. މީގެތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށްވެސް ބުންޏެވެ.

މި ހަމަނުޖެހުންތަކުގެ ތެރެއިން މިދިޔަ ހުކުރު ދުވަހަކީ އިޒްރޭލުން ފަލަސްތީނަށް ވަރުގަދަ ހަމަލާތަކެއް ދިން ދުވަހެކެވެ. އެ ދުވަހުގެ ހަމަލާތަކާއި ގުޅިގެން ފަލަސްތީނުގެ 2.3 މިލިއަން މީހުން މުޅި ދުނިޔެއާ ގުޅުން ކެނޑިގެން ދިޔައެވެ. މުއާސަލަތީ ގުޅުންތައް އަލުން ލިބިގެން ދިޔައީ އިއްޔެގެ ވަގުތެއްގައެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަން ރައިޓްސް ވޮޗް ފަދަ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ މުވާސަލާތީ ވަސީލަތްތައް ނެތުމުގެ ސަބަބުން ހަނގުރާމައިގެ ޖަރީމާތަކާއި އެހެނިހެން އަނިޔާތައް ޑޮކިއުމެންޓް ކުރުމަށް ކުރާ މަސައްކަތަށް ހުރަސް އެޅޭ ކަމުގެ އިންޒާރު ދީފައެވެ.

މިމަހުގެ ހަތްވަނަ ދުވަހު އިޒްރޭލަށް ހަމާސް ޖަމާއަތުން ދިން "ސިހުން ގެނުވި" ހަމަލާ ގުޅިގެން އިޒްރޭލުން ވަނީ 2.3 މިލިއަން މީހުން ދިރިއުޅޭ ފަލަސްތީނުގެ އެންކްލޭވްގައި ކާބޯތަކެއްޗާއި ފެނާއި ކަރަންޓަށް ވެސް ހުރަސް އަޅައިފައެވެ.