ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ގުޅޭ ގިނަ އަދަދެއްގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އޭގެތެރެއިން ބައެއް މައްސަލަތަކުގެ ތަހުގީގު ނިންމާ ފައިސާތައް ހޯދުމަށް އެކުންފުންޏަށް އަންގާފައި ވާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން މިއަދު ބުނީ މިވަގުތުވެސް ފެނަކައާ ގުޅޭ 75 މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލަތަކުގެ ތެރޭގައި، އެކުންފުނި ހިންގުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމާ ގުޅޭ މައްސަލަތަކާއި، އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާ ކަމުގެ ތުހުމަތުތަކުގެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ މީގެއިތުރުން ވެސް ފެނަކައިގެ ޕްރޮކިއުމަންޓު އުސޫލުތަކާ ހިލާފުވުމުގެ މައްސަލަތަކާއި، އެ ކުންފުނިން ފައިސާ ދޫކުރުމާ ގުޅޭގޮތުން އެކަށައަޅާފައިވާ އުސޫލުތަކާ ހިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.
"މިހާތަނަށް ފެނަކައާ ގުޅޭ ގޮތުން އެކި މައްސަލަތައް ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން 20،504،491.54 (ވިހި މިލިޔަން ފައްސަތޭކަ ހަތަރު ހާސް ހަތަރު ސަތޭކަ ނުވަދިހަ އެއް ރުފިޔާ ފަންސާސް ހަތަރު ލާރި) އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އޭސީސީން ވަނީ އަންގައިފައެވެ" އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ފެނަކައާ ގުޅޭ އެކި މައްސަލަތަކުގައި 92 ކަމެއް އިސްލާހުކުރުމަށް، އެ ކޮމިޝަނުން މިހާތަނަށް އެ ކުންފުންޏަށް އަންގާފައި ވާނެ ކަމަށެވެ.
އެކަންކަމުގެ ތެރޭގައި ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ 48 ކަމެއް އިސްލާހު ކުރުމަށާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 24 ކަމެއް އިސްލާހުކުރުމާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ ހަ ކަމަކާއި، ކުންފުނިން ބަލައި ތަހުގީގުކުރުމަށް 6 ކަމެއް މިހާތަނަށް ކޮމިޝަނުން ވަނީ އެކުންފުންޏަށް އަންގާފައިވެއެވެ.
މީގެއިތުރުން ފެނަކައިގެ ހިންގުމުގެ ކޮރަޕްޝަންގެ ހިރާސް ހުރި މިންވަރާއި، އެހިރާސްތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ތަހުގީގުކުރުމަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ރިޕޯޓެއް އެކުލަވާލާ، އެރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ ސަމާލުކަމަށް އެ ކޮމިޝަނުން ވަނީ ގެނެސްފައެވެ.